24 Oct 2010, 09:50
ގަރާރުން ކުންފުނި އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރު، އުނިކުރުމަށް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް ރިޔާޒު ރަޝީދު ހުށަހަޅުއްވާ، މި ބިލުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނި އުފެއްދުމުގެ ބާރު ލިބިދޭ، ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާ އިން ފެށިގެން 100 ވަނަ މައްދާ ހަމައަށް ވަނީ އިސްލާހް ހުށަހަޅުއްވައިފަ އެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާގައި ބުނަނީ، ކުންފުންޏެއްގެ މެންބަރަކީ ހަމައެކަނި ދިވެހި ސަރުކާރު ނުވަތަ ސަރުކާރުގެ ފަރާތްތަކެއް ނަމަ، އެ ކުންފުންޏެއް އުފައްދަން ވާނީ، އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ގަރާރަކުން ކަމަށެވެ.
ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި، މި މާއްދާ އަށް އިސްލާހް ހުށަހަޅުއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނި އުފެއްދިދާނެ ކަމަށް ބުނެފައިވާ ބައި އުނި ކުރުމަށް ފަހު ކުންފުނި އުފައްދަން ޖެހޭނީ ގާނޫނަކުން ކަމަށް ކަނޑައެޅުމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި، ކުންފުންޏާ ބެހޭ ގޮތުން ހިމަނަންވީ ކަންތައްތަކާއި ދަރަންޏަށް ޒިންމާވުމާއި ގާނޫނީ ޝަހުސިއްޔަތު އަންގައި ދިނުމާއި ހިއްސާ ބަދަލުރުން ހިމެނިފައިވާ، މި ގާނޫނުގެ 96 ވަނަ މާއްދާ އިން ފެށިގެން 99 މާއްދާގައި ހިމެނޭ ރައީސުލްޖުމްހުރިއްޔާގެ ގަރާރާ ގުޅުން ހުރި ބައިތައް އުވާލުމަށް ވެސް މި ބިލުގައި ރިޔާޒު ރަޝީދު ވަނީ އިސްލާހް ހުށަހަޅުއްވައިފަ އެވެ. އަދި މި ބިލު ގާނޫނަކަށްވެ، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އުފައްދާފައިވާ ހުރިހާ ކުންފުނިތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގެ ދަށަށް ބަދަލު ކުރަން ޖެހޭނެ ކަމަށް، އެ ގާނޫނުގެ 100 ވަނަ މާއްދާ އަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ބިލުގައި ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ، ބިލު ހުށަހެޅުއްވީ، ކުރީގެ ގާނޫނު އަސާސީގެ ދަށުން ގަރާރު ނެރުމުގެ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިން ބާރު މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީން ހަނިކޮށްފައި ވާތީ އާއި ދައުލަތުގެ މިލްކިއްޔާތާއި މާލިއްޔަތާ ބެހޭ ގޮތުން ޒިންމާދާރު ކުރުވަނިވި ތަފާތު ގާނޫނުތައް ފާސްވެފައި ވާތީ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން ސަރުކާރުން ވިޔަފާރިކުރަން ނުޖެހުމާއި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ވިޔަފާރިއަށް މަގުތަނަވަސްކޮށްދިނުން ކަމަށް، މިބިލު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.