ވޮޝިންޓަން (މޭ 4): އިސްރާއީލުން ސޫރިޔާގެ އެތެރޭގެ އަމާޒުތަކަކަށް ވައިގެ ޙަމަލާތަކެއް ރޭގެ ވަގުތެއްގައި ދީފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިޙަމަލާތަކާބެހޭ ގޮތުން ސޫރިޔާއާއި އިސްރާއީލުން ބަޔާނެއްދީފައި ނުވި ނަމަވެސް އެމެރިކާ ވަނީ ސޫރިޔާގެ އެތެރޭގެ އަމާޒަކަށް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ރޭގެ ވަގުތެއްގައި ވަރުގަދަ ޙަމަލާތަކެއް ދީފައިވާކަމަށް ބެލެވޭކަން ހާމަކޮށްފަ އެވެ. އެމެރިކާގެ ޖާސޫސީ ފަރާތްތަކާ އަދި ޔޫރަޕްގެ ބައެއް ޖާސޫސީ ފަރާތްތަކާ ޙަވާލާދީ އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައި ވަނީ އިސްރާއީލުން ސޫރިޔާގެ އެތެރޭގެ އަމާޒަކަށް ރޭ ދިން ވައިގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ސޫރިޔާ ސިފައިންގެ ވައިގެ ދިފާޢީބާރުތަކުން އިސްރާއީލުގެ މަތިންދާބޯޓުތަކަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ދީފައިވާކަމުގަ އެވެ.

ނަމަވެސް މިކަމުގެ ތަފްސީލް ހާމަވެފައެއްނުވެ އެވެ. އިސްރާއީލުން ވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތައް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ސޫރިޔާ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާޢިދާގެ ހަނގުރާމަވެރިންނާއި ސަލަފީ ހަނގުރާމަވެރިންގެ އަތްމައްޗަށް އަރާތަން ބަލަންނޯންނާނެ ކަމަށްބުނެ މިކަން މަނާކުރުމަށްޓަކައި ސޫރިޔާއަށް ޢަސްކަރީގޮތުން ޙަމަލާދީ އަދި ވަދެގަންނަން ޖެހިއްޖެ ނަމަ އަސްކަރީގޮތުން ވަދެގަންނާނެކަމުގެ އިންޒާރު ދީފަ އެވެ.

ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ހިޒްބުﷲ އަކީ ރައީސް ބައްޝާރުލްއަސަދުގެ ބައިވެރިއެކެވެ. އަނެއްކޮޅުން އެއީ އިސްރާއީލާ އެންމެ ދުޝްމަން އަދި އިސްރާއީލު އެންމެބޮޑަށް ޖެހިލުންވާ ޖަމާއަތެވެ. ސޫރިޔާ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާޢިދާގެ ހަނގުރާމަވެރިންނާއި ސަލަފީ ހަނގުރާމަވެރިންނަކީ ވެސް އިސްރާއީލާ ވަރަށް ބޮޑަށް ދުޝްމަން އަދި އިސްރާއީލާއި އެމެރިކާ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގަންނަ ބައެކެވެ.

ނަމަވެސް އިސްރާއީލުން ސޫރިޔާއަށް ރޭ ޙަމަލާދީފައި ވަނީ އިސްރާއީލާއި އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ސިފަކުރާ މިތިން ފަރާތުގެ ތެރެއިން ކޮންމެވެސް އެއްފަރާތަކަށް ކެމިކަލް ހަތިޔާރު ގެންދާތީ އެކަންމަނާކުރުމުގެ ގޮތުން ކަމަށް ނުބެލެވޭކަމަށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ބުނެ އެވެ.

ސޫރިޔާއަކީ ކުރިން ޢަސްކަރީ ގޮތުން އިސްރާއީލާ ކުރިމަތިލެވޭ ފަދަ ބާރުގަދަ ގައުމެއް ނަމަވެސް އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކުރަމުންގެންދާ އަހްލީ ހަނގުރާމައިގާ ސޫރިޔާގެ ވައިގެ ލަޝްކަރުތަކުގެ ދެބައިކުޅަ އެއްބައި މިހާރު ހަލާކުވެ އިޤްތިސާދީ ގޮތުން ސޫރިޔާ އިނދަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)