ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ދައުވާ ކުރަނީ ޑިމޮކްރެޓިކް ވެރިކަމެއް ބޭނުންވާ ކަމަށެވެ. ޑިމޮކްރެޓިކް ވެރިކަމަކަށް ރަނގަޅު ނޫސްވެރިކަމެއް އޮތުމަކީ ކިހާ މުހިއްމު ކަމެއްކަން އެހެންވީމާ އެބަ ދެނެގަންނަން ޖެހެ އެވެ.

ރާއްޖޭގެ ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވިޔަސް، ރާއްޖޭގެ ނޫސްވެރިން މިހާރު އަންނަނީ އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނެވެ. އެކި އެކި ސަބަބުތަކާ ހެދި ޖެހެމުންދާ އެކި ކުލަތަކާ އެކުގައި ވެސް ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އަންނަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ ނޫސްވެރިން މިފަދަ ގޮތަކަށް މަސައްކަތް ކުރި ނަމަވެސް އެގޮތުގައި ދެމި އޮތުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ.

ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް" (އައިއެފްޖޭ) އިން އެކުލަވާލި 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ރާއްޖެ އަށް ހާއްސަކޮށްފައިވާ ބައިގައި ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ގިނަ ގުނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ މައްސަލައަކީ ރާއްޖޭގެ ނޫސްވެރިންނަށް ހަމަހަމަ ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރާއި ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދަމުންދާ ދެކޮޅުހެދުމެވެ. އެގޮތުން 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުން އެސްޓޭޝަން މަހުރޫމް ކުރި މައްސަލަ ފާހަގަކޮށްފައިވެ އެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ނުދިނުމާއި ނޫސްކޮންފަރެންސްތަކަށް ދައުވަތު ނުދިނުމާއި، ނޫސްކޮންފަރެންސްތަކަށް ނުވެއްދުމުގެ މައްސަލައިގާ އެސްޓޭޝަނުން ސިވިލް ކޯޓަށް ހުށައެޅި ދެ މައްސަލަ ވެސް އެސްޓޭޝަނާ އެއްކޮޅަށް ނިމުނުކަން އައި އެފްޖޭއިން ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން ނޫސްވެރިންނަށް ހުރަސް އެޅުމުގެ އެހެން މިސާލެއްގެ ގޮތުގައި އައިއެފްޖޭއިން ފާހަގަކޮށްފައި ވަނީ ޖަސްޓިސް ބިލްޑިން ކުރިމަތީގައި ފޮޓޯ ނަގަމުން ދަނިކޮށް ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފު ހައްޔަރުކުރި ހާދިސާ އެވެ. އެ ހާދިސާ އަކީ ނޫސްވެރިންނަށް ތަކުރާރުކޮށް ދިން ހަމަލާތަކާއި ސަރުކާރުން އެޅި ހުރަސްތަކަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމުން ވެސް ފިލާވަޅެއް ލިބި ނުގަތް ކަން ދޭހަވާ ކަމެއްގެ ގޮތުގަ އެވެ.

"ހަމަލާތަކާއި ހުރަސްއެޅުންތަކުން ވެސް އެއްވެސް ފިލާވަޅެއް ދަސްނުކުރިކަން ފެނުނީ ޖަސްޓިސް މިނިސްޓްރީ ބިލްޑިން ކުރިމަތީގައި ފޮޓޯ ނަގަމުން ދަނިކޮށް ހުއްޓުވުމުންނެވެ،" އައި އެފްޖޭގެ ރިޕޯޓްގައިވެ އެވެ.

ނޫސްވެރިންނަށް ހުރަސް އެޅުމުގެ އިތުރުން އެމީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް މިދިޔަ އަހަރު ތަކުރާރުކޮށް ހިނގާފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ރާއްޖެޓީވީގެ ނިއުސް ހެޑް އިބުރާހިމް ވަހީދު (އަސްވާޑް) އަށް ދިން ނުރައްކާތެރި ހަމަލާއާއި ހަމަ އެރޭ އެމްބީސީގެ ދެ ނޫސްވެރިންގެ ގަޔަށް ކެމިކަލް ޖެހި ހާދިސާ ފާހަގަކޮށްފައިވެ އެވެ.

ހަމަ އެހެންމެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި ނޫސްވެރިންނަށް ތަފާތު ހުރަސަތައް ކުރިމަތިކޮށް ނޫސްވެރިންނަށް ހަމަލާދީދައިވާކަން ވެސް އައިއެފްޖީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކުގެ ސަބަބުން ނޫސްވެރިންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިން ހާޒިރުކޮށް އެ މީހުންނަށް ކުރިމަތިލާން ޖެހުނު ބައެއް ގޮންޖެހުންތައް ވެސް ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ބޮޑު އަނެއް ގޮން ޖެހުމަކީ ވަޒީފާގެ ޔަގީންކަން ނެތުމާއި ތަމްރީނު ލިބުމުގެ ފުރުސަތު ކުޑަވުމެވެ.

"ޕްރޮފެޝަނަލް ތަމްރީނުތައް ދިނުމަށް ހުރީ ވަރަށް މަދު މުއައްސަސާތަކެކެވެ، އަދި ނޫސްވެރިންގެ ގޮތުގައި މީހުން ރެކްރޫޓް ކުރުމުގައި އަމަލުކުރާނެ ވަކި ހާއްސަ ޕްރޮސީޖާތަކެއް ނެތެވެ، ވަޒީފާގެ ޔަގީން ކަމަކީ ނެތް އެއްޗެކެވެ، މެނޭޖްމެންޓުން ހިތްހަމަ ނުޖެހިއްޖެ ނަމަ ކޮންމެ އިރަކު ވެސް ވަޒީފާ އިން ވަކިކޮށްފާނެ ކަމުގެ ބިރު އޮވެއެވެ،" އައިއެފްޖޭގެ ރިޕޯޓްގައިވެ އެވެ.

މުޅި ދުވަހު ވެސް މަސައްކަތް ކުރަން ތައްޔާރަށް ތިބެން ޖެހޭ ނޫސްވެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުދިނުމަކީ ވެސް ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށް އައިއެފްޖޭއިން ދެކެ އެވެ.

".. އެއް މަސައްކަތަކަށް އެއްވަރެއްގެ އުޖޫރައެއް ދިނުމުގެ އުސޫލަކީ ވަރަށް ދުރުގައިވާ އުސޫލެކެވެ، އަމިއްލަ ފަރާތަކުން ހިންގާ މީޑިއާއެއްގައި މަސައްކަތް ކުރާ މީހަކަށް ރިޕޯޓަރަކަށް ލިބޭ އުޖޫރައިގެ ދެގުނަ ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ ރިޕޯޓަރަކަށް ލިބިދާނެ އެވެ،" ރިޕޯޓްގައިވެ އެވެ.

އައިއެފްޖޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ރާއްޖޭގެ ނޫސްވެރިންގެ މެދުގައި ވެސް މަޝްވަރާތައް ކުރެވި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މައްސަލަތަކެވެ. ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ( އެމްޖޭއޭއި) އިން އަންނަނީ ރަނގަޅު ނޫސްވެރިކަމަކަށް ބޭނުންވާ މާހައުލެއް އުފެއްދުމަށް މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިކަމަށް ރަނގަޅު މާހައުލެއް އުފެއްދުމަށް އެމްޖޭއޭއިން މިހާރު ވަނީ އާ ކެމްޕޭނެއް ފަށާފައެވެ. މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އެމްޖޭއޭއިން ފެށި ކެމްޕޭނަކީ ނޫސްވެރިންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގާނޫނެއް ފާސްކުރުމަށް ބާރު އެޅުމުގެ ކެމްޕޭނެކެވެ.

ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން ނޫސްވެރިން ހިމާޔަތްކުރުމަށް ނޫސްވެރިންގެ ހިމާޔަތުގައި ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގާނޫނު ވުޖޫދަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ނޫސްވެރިންގެ ހައްގުގައި އަޅުގަނޑުމެން މިހާރު ހެދުމަށް މަސައްކަތް ކުރާ ގާނޫނުގައި ނޫސްވެރިންނަށް ލިބިދެންޖެހޭ މުސާރައާއި މަސައްކަތް ކުރަން ޖެހޭ ގަޑިތަކުގެ އިތުރުން، އިންޝުއަރެންސް ފަދަ ނޫސްވެރިންގެ ހިމާޔަތުގައި ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ،" ސަން އޮންލައިންގެ ޗީފް އެޑިޓަރު ކަން ވެސް ކުރައްވާ ހިރިގާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ޖަމިއްޔާގެ މިފަދަ މަސައްކަތްތަކާ އެކު ރާއްޖޭގެ ނޫސްވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. ނަމަވެސް މިކަމަށް ދައުލަތުގެ ތިން ބާރުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެ އެވެ.