03 May 2013, 23:32
ފަސްވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕާއި އަދި ސަތާރަވަނަ ސާކް ކެރަމް ޗެމްޕިއަންޝިޕް ގައި ބައިވެރި ވުމަށްޓަކައި ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ކެރަމް ޓީމު މިއަދު އިންޑިޔާގެ ކަލްކަތާއަށް ފުރައިފިއެވެ.
މިމަހުގެ ފަހަކުން އެގާރައަށް ކަލްކަތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެންމެ ބޮޑު ދެ ކެރަމް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ދެޓީމުގެ މެނޭޖަރެއްގެ ގޮތުގައި ވަޑައިގެންނެވީ އާދަމް އަދީލުއެވެ. އަދި ޓީމާއެކު ކެރަމް އެސޯސިއޭޝަންގެ ރައީސް އަހްމަދު މުބީން އާއި، އޭޝިޔަން ކެރަމް ކޮންފެޑެރޭޝަންގެ ރައީސް މުހައްމަދު ޒާހިރު ނަސީރު ބައިވެރިވެ ވަޑައިގަތެވެ.
މިފަހަރުގެ ގައުމީ ފިރހެން ކެރަމްޓީމުގައި ހިމެނެނީ ޝާފީ މުހައްމަދާއި، ހަސަން ނާޒިމް އަދި ހަސަން ޝާމިން އެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ އާއިޝަތު ފައިނާޒާއި، އައިމިނަތު ނިފާޝާ އަދި އައިމިނަތު ވިޝާމާއެވެ.
ސާކް ކެރަމް ޗެމްޕިއަންޝިޕްގެ މެޗުތަށް ކުރިއަށް ގެންދާނީ މިމަހުގެ މަހުގެ ފަހަކުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅޭނީ މިމަހުގެ ނުވަޔަކުން އެގާރައަށެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސާކް ކެރަމް މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަނގުލަދޭޝްގައެވެ. އަދި ދެއަހަރުން އެއްއަހަރު ބާއްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައިވަނި 2011 ވަނަ އަހަރު ރާއްޖޭގައެވެ.