ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމް ދީނުގެ ހޭލުންކަން އުފައްދާ އިތުރު ކުރުމަށާއި އަދި ފޮތް ކިއުމުގެ އާދަ އުފެއްދުމަށް ޓަކައި އިސްލާމިކް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އިސްލާމިކް ފެއާ 2013" މިރޭ ހުޅުވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯގައި މިރެއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އެ ފެއާގައި އާއްމުކޮށް ލިބެން ހުރީ އިސްލާމީ ކަންތައްތަކާ ގުޅޭ ފޮތްތަކާއި އަދި އެ ނޫން ވެސް ތަފާތު މުހިއްމު މައުލޫމާތުތައް ހިމެނޭ ފޮތްތަކެވެ. އޭގެ އިތުރުން ވެސް އެކިއެކި މައްސަލަތަކުގައި އިސްލާމި ކައުންސިލިން ލިބޭނެ އިންތިޒާމް ވެސް އެ ފެއާގައި ހަމަ ޖައްސާފައިވެ އެވެ.

ހަފްލާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޝަރަފްވެރި މެހެމާން އިސްލާމިކް މިނިސްޓރްީގެ ނައިބު ޝެއިޚް މުހައްމަދު ގުބައިދު އަބޫބަކުރު ވިދާޅުވީ މުސްލިމުންނަށް މާތްﷲ އެންގެވި އަމުރުފުޅަކީ ކިޔަވައި އިލްމު އުނގެނުމުގެ އަމުރުފުޅު ކަމަށެވެ. އަދި އެހެންކަމުން އެ މޮޓޯއަށް އަމަލު ކުރުމުގެ ގޮތުން ފޮތް ކިޔައި އިލްމު އުނގެނުމުގެ މައުރަޒެއް އިންތިޒާމް ކުރީ ކަމަށް ވެސް ގުބައިދު ވިދާޅުވި އެވެ.

"އާދެ އެންމެ ފުރަތަ އަޅުގަނޑުމެންނަށް އައި އަމުރެއް ކަމަށް ވަނީ "އިގްރައު" ކިޔަވާށޭ. ފޮތް ކިޔާށޭ. އެހެންވީމާ މި މޮޓޯ އަށް އަމަލު ކުރުމުގެ ގޮތުން އަޅުގަނޑުމެން ފޮތް ކިޔުމުގެ މައުރަޒެއް އަދި އިސްލާމް ދީނާއި ގުޅޭ ތަފާތު މައުލޫމާތުތައް ހިމެނޭ ސީޑީއާ އަދި ކައުންސިލިން އާ މިނޫން ވެސް އިލްމުވެރި ކުރުމުގެ ހުރިހާ ދޮރުތަކެއް ހުޅުވާލުމުގެ މަގުސަދުގައި އަޅުގަނޑުމެން މި އިސްލާމިކް ފެއާ މި އިންތިޒާމް ކުރީ،" ގުބައިދު ވިދާޅުވި އެވެ.

ގުބައިދު ވިދާޅުވީ ކީރިތި ރަސޫލާ އަށް އެންމެ ފުރަތަމަ އުޑާއި ބިމުގެ ގުޅުން އެތައް ޒަމާނަކަށް ކެނޑިގެން ދިއުމަށްފަހުގައި ދެން އެންމެ ފުރަތަ ގުޅިގެން ދިޔަ އަޑުފުޅަކީ "އިގްރައު" ނުވަތަ ފޮތް ކިޔަވާ ވިދާޅުވުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ މިނިސްޓްރީން ވެސް ބޭނުންވަނީ އެ އަޑު ދެވަނަ ފަހަރަށް ރާއްޖޭގެ ޖައްވުގައި އާލާކޮށް ކީރިތި ގުރުއާނުގައިވާ މޫރިތި އެ އާޔަތުގައިވާ ގޮތަށް އެންމެ ފުރިހަމަ ގޮތުގައި އަމަލު ކުރުން ކަމަށެވެ.

އެ ފެއާގައި ބަހައްޓާފައި ހުރި ފޮތްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަ ޖައްސާފައި ކަމަށް ގުބައިދު ވިދާޅުވި އެވެ. އަދި ހޯލްސޭލް ކޮންނާއި، ރިޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ގުބައިދު ވިދާޅުވީ އެ ފެއާގައި ޖުމްލަ ގޮތެއްގައި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ވަރަށް މުހިއްމު ފޮތްތަކެއް އާދަޔާ ޚިލާފް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށާއި އެހެން ކަމުން ވީހާ ވެސް ގިނަ ބަޔަކު އެ ފެއާ އަށް ޒިޔާތް ކުރުމަކީ އެ މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.