ނޭކުރެންދޫގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު އަޅުއްވައިދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދުއަށް އެމަނިކުފާނު ވަޑައިގަތީ މިއަދު ހެނދުނު އެވެ.

ނޭކުރެންދޫ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ ރަށުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ވަރަށް ބޮޑަށް މަޖުބޫރުވެފައިވާ ކަމަށާއި މި މިސްކިތް ޢިމާރާތް ކުރައްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ އެހީގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.

ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދުއަކީ ޢުމްރާނީ ގޮތުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ރަށެއްކަން ފާހަގަކުރައްވައި ޚާއްޞަ ގޮތެއްގައި ރަށުގައި ނަރުދަމާގެ ނިޒާމާއި ބޯފެނުގެ ނިޒާމު ޤާއިމްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، މިކަންތައްތައް ކޮށް ނިންމޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރުމުގެ މަސައްކަތުގައި ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދެއްވާފައިވާތީ، އެކަމަށް ނޭކުރެންދޫގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވަމުން، ޖަލު ޢިމާރާތް ކުރުމުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ނޭކުރެންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަށް ހަމަޖެހުން ގެނެސް، ޞުލްޙަމަޞްލަޙަތު ޤާއިމް ކުރެއްވުމަށް، މިވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި، އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވި އެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަޔަނުދިނުމަށް ދިވެހިންގެ މަދުބަޔަކު ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރައްވައި، އެކަމުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވި އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ލިބެނީ، ފަތުރުވެރިކަމުން ކަމާއި ޚަރަދުތަކުގެ ބޮޑުބައެއް ހަމަޖައްސަވަނީ، ފަތުރުވެރިކަމުން ރާއްޖެ އަށް ލިބޭ އެއްޗަކުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިން އަޔަނުދިނުމަށާއި އެމީހުން ބިރުގެންނެވުމަށާއި ރާއްޖެ އިން ފައްސާލުމަށްޓަކައި ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުން އެބަގެންދާ ކަމަށާއި ފަތުރުވެރިކަން ހަލާކުކޮށްލުމަށް އެއްވެސް ބަޔަކު މަސައްކަތްކޮށްގެން ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. [އެމަސައްކަތް އެކުރާ ބަޔަކީ، ރަނގަޅު ނިޔަތެއްގައި، ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތްކުރާ ބައެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުބެލެވޭނެ. ކޮންމެ ޤައުމެއްގައިވެސް މައްސަލަތައް ހުންނާނެ. ސިޔާސީގޮތުން ހުންނަ މައްސަލަތައް، އިޖްތިމާޢީ ގޮތުން ހުންނަ މައްސަލަތައް، މިބާވަތުގެ ކަންކަން ނެތް ޤައުމެއް ނެތް. ކިތަންމެ ބޮޑަށް ތަރައްޤީވެފައި އޮތް ޤައުމެއް ކަމަށްވީނަމަވެސް، މިދެންނެވި ބާވަތުގެ ކަންކަން ހުންނާނެ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަމަކީ، ވަރަށް ގޯސް ކަންކަމަށް ހަދައިގެން، ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެ ފަޟީޙަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރުމަކީ، ރާއްޖޭގެ ތަރައްޤީއަށް ޓަކައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.