03 May 2013, 20:03
ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދޭނެ ގާނޫނެއް ހެދުމަށް މޯލްޑިވުސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކެމްޕެއިނެއް ފަށައިފި އެވެ.
ދިޓިވީގެ ސްޓޫޑިއޯގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކެމްޕެއިންގައި ބޭނުންކުރަން އެމްޖޭއޭ އިން ބޭނުންކުރާ ސްލޯގަން ޖަހާފައިވާ ޓީޝާޓް އިފްތިތާހުކޮށްދެއްވީ އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އާއި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް ވިދާޅުވީ މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން ނޫސްވެރިން ހިމާޔަތްކުރުމަށް ނޫސްވެރިންގެ ހިމާޔަތުގައި ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގާނޫނު ވުޖޫދަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ނޫސްވެރިންގެ ހައްގުގައި އަޅުގަނޑުމެން މިހާރު ހެދުމަށް މަސައްކަތް ކުރާ ގާނޫނުގައި ނޫސްވެރިންނަށް ލިބިދެންޖެހޭ މުސާރައާއި މަސައްކަތް ކުރަން ޖެހޭ ގަޑިތަކުގެ އިތުރުން، އިންޝުއަރެންސް ފަދަ ނޫސްވެރިންގެ ހިމާޔަތުގައި ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ،" ސަން އޮންލައިންގެ ޗީފް އެޑިޓަރު ކަން ވެސް ކުރައްވާ ހިރިގާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގާނޫނު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އެހީތެރިކަމާ އެކުކަމުގައި ކަމަށާއި އެ ގާނޫނު ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އައިއެފްޖޭ އާއި ޔުނެސްކޯ އިން ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް ކަމަށެވެ.
އެގާނޫނު ހެދުމަށް ބޭނުންވާ އެހީތެރިކަން ހުރިހާ ފަރާތްތަކުން ވެސް ދެއްވަމުންގެންދާ ކަމަށާއި އެގާނޫނު ހެދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައިޓް އިންފޮމޭޝަން ގާނޫނަކީ ރާއްޖެ އަށް ވަރަށް މުހިންމު ގާނޫނަކަށް ވެފައިވާ އިރު އެ ބިލް މަޖިލީހުގެ ކޮމެޓީއެއްގައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގައި ނޫސްވެރިންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި ހިރިގާ ވިދާޅުވީ ރައިޓް އިންފޮމޭޝަން ކެމްޕެއިނަށް ޔޫއެންޑީޕީގެ ފަރާތުން ޓްރާންސް ޕޭރަންސީ މޯލްޑިވުސްއަށް 264000 ޑޮލަރު (ހަތަރު މިލިއަން ރުފިޔާ) ދީފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަހަރެއް ވެފައިވާ އިރު ޓުރާންސްޕޭރަންސީ އަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލުކުރަން ބޭނުއްވާ ކަމަށާއި އަދި އެކަމާ މެދު އެމްޖޭއޭ އިން ކަންބޮޑުވާ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
އެމްޖޭއޭގެ ނައިބް ރައީސް އަލީ ޝައްމާން ވިދާޅުވީ އެމްޖޭއޭ އަކީ ނޫސްވެރިންގެ ހައްގުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށްވާ އިރު ނޫސްވެރިންގެ ހައްގުގައި އެ ޖަމިއްޔާއިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ދެ ނޫސްވެރިއަކަށް ރާއްޖެ އިން ބޭރުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އެ ޖަމްއިއްޔާ އިން ދެމުންގެންދާ ކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކުގައި ވެސް އެންމެ ބޮޑަށް މަސައްކަތްކުރަނީ އެމްޖެއޭ އިން ކަމަށް ޝައްމާން ވިދާޅުވި އެވެ.
އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް މުންޑޫ އާދަމް ހަލީމް ވިދާޅުވީ މީޑިއާތަކުގެ ހައްގުގައި މަސައްކަތްކުރުމަށް ދައުލަތުން ޚަރަދުކޮށްގެން ދެ މުއައްސަސާއެއް އުފައްދާފައިވާ އިރު ރާއްޖޭގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރަނީ ކޮންބައެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ފަހަތަށް ބަލާ އިރު މީޑިއާގެ ތަރައްގީ އަށް އެމްޖޭއޭ ވަރަށް މަސައްކަތް ކުރި އަދި ކުރާ އެހެން ފަރާތެއް ނުދެއްކޭނެ ކަމަށެވެ.