03 May 2013, 14:48
އެންޖަމީނާ (މޭ 3): ޗާޑްގެ ރައީސް އިދްރީސް ދިއްބީގެ ވެރިކަން ވައްޓާލުމަށް ޓަކައި ގެންނަން މަސައްކަތްކުރި އިންޤިލާބެއް ނާކާމިޔާބުވެއްޖެ އެވެ.
ރައީސް ދިއްބީގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ބަޔަކު ގެންނަން މަސައްކަތްކުރި މި އިންޤިލާބު ނާކާމިޔާބު ވެފައިވާ ކަމަށާ ރައީސް ދިއްބީ ހުންނެވީ ސަލާމަތުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ. ޗާޑްގެ ސިފައިންގެ ބައެއް ފަރާތްތަކާ ގުޅިގެން ގެންނަން މަސައްކަތްކުރި މިއިންޤިލާބު ނާކާމިޔާބުކޮށްލީ ދިއްބީ އަށް ވަފާތެރި ސިފައިން ކަމަށްވެ އެވެ. އިންޤިލާބު ނާކާމިޔާބުކޮށްލުމަށް ޓަކައި ދިއްބީއަށް ވަފާތެރި ސިފައިން ވެރިރަށް އެންޖަމީނާގައި ހިންގި ޢަސްކަރީ އޮޕަރޭޝަންގައި އަށް މީހަކު މަރުވެ 15 އަށް ވުރެ ގިނަމީހުން ޒަޚަމްވުމުގެ އިތުރުން އެތައްބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.
ލީބިޔާގެ ދެކުނުން އެފްރިކާގެ މެދުތެރޭގައި އޮންނަ ޗާޑަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިސްލާމީ ގައުމެކެވެ. ދިގުލީ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ޗާޑްގެ ސަލާމަތީ ބާރުތަކުން ބުނީ ރައީސް އިދްރީސް ދިއްބީގެ ވެރިކަން އިންޤިލާބަކުން ފޮރޮޅާލުމަށް މަސައްކަތްކުރި އިދިކޮޅު ހަނގުރާމަވެރިން މިކަމަށް ދުރާލައި ތައްޔާރުވެފައި ކަމަށާ އަވަށްޓެރި ސޫދާނާއި ލީބިޔާއިން އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމުގަ އެވެ.
ޗާޑް އަކީ އަސްކަރީ އިންޤިލާބުތައް ގެނަސްގެން ވެރިކަން ފޮރޮޅާލުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އަދި ފާއިތުވި 40 އަހަރު ތެރޭގައި ވެސް އެގައުމުގައި ދަނީ މެދުކެނޑެމުން ކަހަލަ ގޮތަކަށް ދާޚިލީ ހަނގުރާމައެއް ހިނގަމުންނެވެ. ޗާޑްގެ ރައީސް އިދްރީސް ދިއްބީ އަކީވެސް 1990 ވަނަ އަހަރު އެގައުމަށް ގެނައި ޢަސްކަރީ އިންޤިލާބެއްގައި ވެރިކަމަށް އިސްވެވަޑައިގެންފައިވާ ޢަސްކަރީ ޖެނެރަލް އެކެވެ. ފާއިތުވި 35 އަހަރު ތެރޭގައި އިންޤިލާބަކުންނޫނީ ޗާޑްގެ ވެރިކަން ބަދަލުވެފައެއްނުވެ އެވެ. ދިއްބީ ވެރިކަމަށް ވަޑައިގެންނެވި ޢަސްކަރީ އިންޤިލާބަށް އެހީތެރިވެފައިވަނީ ލީބިޔާގެ އޭރުގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދިއްބީ، މީގެ ދެދުވަސްކުރިން ވަނީ އޭނާގެ ވެރިކަން ފޮރޮޅާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް ތަމްރީނާއި ހަތިޔާރު ދޭކަމުގެ ތުހުމަތު ލީބިޔާގެ މިހާރުގެ ސަރުކާރުގެ މައްޗަށް ކުރައްވައި ލީބިޔާގެ މިހާރުގެ ލީޑަރުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ދިއްބީ އަކީ އުތުރު އެފްރިކާގައި ޙަރަކާތްތެރިވާ ކަމަށް ހުޅަނގުން ތުހުމަތުކުރާ އަލްޤާޢިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ހުޅަނގަށް ވަރަށްބޮޑަށް އެއްބާރުލުން ދެއްވާ ބޭފުޅެކެވެ. އަލްޤާޢިދާއާ ހަނގުރާމަ ކުރުމުގެ ނަމުގައި ފަރަންސޭސިވިލާތުން ދާދިފަހުން ޗާޑްގެ އަވަށްޓެރި މާލީ އަށް ވަދެގަނެ ހިންގި ޢަސްކަރީ ޙަރަކާތްތަކުގައި ފަރަންސޭސީންނަށް އެހީތެރި ވުމަށް ދިއްބީ ދެހާސް ސިފައިން ފޮނުއްވާފައިވެ އެވެ. (ނޫސްއެޖެންސީތައް)