03 May 2013, 13:40
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ނޫސްވެރިންގެ ހަވީރެއް ބާއްވައިފި އެވެ.
ވޯލްޑް ޕްރެސް ފްރީޑަމް ޑޭ ނުވަތަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް އެމްއެމްސީން ބޭއްވި "ނޫސްވެރިންގެ ހަވީރު" ބާއްވައިފައި ވަނީ ނަސަންދުރާ ޕެލެސް ހޮޓެލްގަ އެވެ.
މި ހަވީރުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން، އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
"ކޮންމެ ބޭފުޅަކުވެސް ވިދާޅުވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރަމޭ. ކުރާނަމޭ. ނަމަވެސް މިހާތަނަށް އަމަލު އެކަމެއް ފެނިގެނެއް ނުދޭ. ސަރުކާރުގެ އެހީގައި ޑިގްރީއާ ހަމައަށް ކިޔަވާފައިވާ ނޫސްވެރިއަކު ހުރި ނަމަ އަޅުގަނޑަށް ދައްކާ. ނުހުންނާނެ. މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ހަލީލް ވިދާޅުވި އެވެ.
ކެއުމާއި، މުނިފޫހި ފިލުވުމުގެ އައިޓަމްތައް ހިމެނޭ ގޮތަށް އެމްއެމްސީ އިން ރޭ ކުރިއަށް ގެންދިޔަ އިވެންޓުގައި ނޫސްވެރިން ވަނީ މިދާއިރާގައި މަސައްކަތްކުރާ އިރު ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވާހަކަދައްކައި، ހިޔާލު ބަދަލުކޮށް ހަދައިފަ އެވެ. އަދި އެމްއެމްސީއިން މީގެ ކުރިން ކުރިއަށް ގެންދިޔަ ނޫސްވެރިކަމުގެ ކުރު ކޯހުގައި ބައިވެރިވި ބައިވެރިންނަށް ސެޓްފިކެޓް ވެސް ރޭގެ އިވެންޓުގައި ވަނީ ދީފަ އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ ތިން ވަނަ ދުވަހުގައެވެ.