03 May 2013, 13:33
ރިޔާޟް (މޭ 3): ސައޫދީ އަރަބިޔާއަށް ބޯކޮށް ވާރޭވެހި އެގައުމުގެ އެކިކަންކޮޅު ތަކުގައި ފެންބޮޑުވެ ސައިލް ހެދުމުގެ ސަބަބުން 20 މީހަކު މަރުވެ އިތުރުބަޔަކު ވީނުވީއެއްނޭންގި ގެއްލިއްޖެ އެވެ.
ސައޫދީ ސަރުކާރުގެ މަދަނީ ދިފާޢާބެހޭ އިދާރާއިން ބުނި ގޮތުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެން އެގައުމުގެ އެކިކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ގައުމުގެ ބޮޑުބައެއް ފެނުގެ އަޑީގައިވާ ކަމަށާ ފެނުގެ ސައިލްގެ މައްސަލަ އާދަޔާ ޚިލާފަށް ބޮޑުވީ އެގައުމުގެ ހުޅަނގުގެ ގަވަނޭޓެއް ކަމަށްވާ ބީޝާގައިވާ ފެންރައްކާކުރާ ބޮޑު ޑޭމެއް ހަލާކުވެ އޭގައިވާ ފެންތައް ފެތުރިގެން ދިޔުމާ ގުޅިގެންނެވެ.
ސައޫދީ މަދަނީ ދިފާޢާބެހޭ އިދާރާއިން ވަނީ ފަރުބަދަތަކުގެ ވާދީތަކުގެ ކައިރިއަށާއި ފެނުގެ ސައިލް ހެދިފައިވާ ސަރަޙައްދުތަކާ ގާތްނުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. ސައޫދީ މޫސުމާ ބެހޭ އިދާރާ ބުނާ ގޮތުން އެގައުމުގެ އެކިކަންކޮޅުތަކުގައި އަދިވެސް ދަނީ ވިއްސާރަވިލާތައް އުފެދެމުންނެވެ. ވިއްސަރާވިލާތައް އުފެދި ގިނައިން ވާރޭވެހެމުން މިދަނީ ސައޫދީ ހުޅަނގު ފަރާތްކަމަށްވާ ރަތްކަނޑުގެ އައްސޭރިފަށާއި ޢަރަބި ޖަޒީރާގެ ދެކުނު ސާޙިލްގައިވާ ޢަރަބި ކަނޑުގައި ލޯޕްރެޝާ ޓްރަފްތަކެއް އުފެދި މި ޓްރަފްތަކުގެ ބާރު ސައޫދީ އަރަބިޔާގެ މެދުތެރެއަށް ވެސް ފޯރުމާ ގުޅިގެންނެވެ.
ސައޫދީ އަރަބިޔާއަކީ އަހަރު ތެރޭގައި ވަރަށް މަދުން ނޫނީ ވިއްސާރަކުރާ ގައުމެއްނޫނެވެ. އަދި އެގައުމުގެ މެދުތެރޭގައިވާ ހަނަފަސް ސަހަރާގެ ޖައްވުގައި ވިއްސާރަ ވިލާތައް އުފެދި ބޯކޮށް ވާރޭ ވެހުމަކީ ވަރަށް މަދުން ނޫނީ ހިނގާކަމެއް ނޫނެވެ. އެހެންކަމުން މިހާރު ސައޫދީ އަރަބިޔާ އަށް ކުރަމުން ގެންދާ ވިއްސާރައަކީ މީގެ ފަންސަވީހަކަށް އަހަރު ތެރޭގައި ވެސް ސައޫދީއަށް ކޮށްފައިނުވާވަރުގެ ވަރުގަދަ ވިއްސާރައެއް ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ. (އަލްޖަޒީރާ)