ނ. ކެނދިކުޅުދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މާދަމާ އެ ރަށުގައި ބާއްވާ ބައި އިލެކްޝަން މާތް ﷲގެ އިރާދަފުޅުން، ބޮޑު ތަފާތަކުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ކާމިޔާބު ކުރާނޭ ކަމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ އެމްޑީއޭގެ ކެންޑިޑޭޓު އަހްމަދު ރިޒްލީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރޭ ކެނދިކުޅުދޫގައި ބޭއްވި "ސައްތައިން ސައްތަ އޮރެންޖު" ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުން އެ ޕާޓީގެ ލީޑަރު ވިދާޅުވީ، މާދަމާ މި ރަށުގައި އޮންނަ ބައި-އިލެކްޝަން އަކީ އެމްޑީއޭގެ ތާރީހުގައި ވެސް ބައިވެރިވާ ފުރަތަމަ އިންތިޚާބު ކަމަށާއި އެހެންކަމުން އެ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ބޮޑު ތަފާތަކުން އިރާދަކުރެއްވިއްޔާ ބަލިކުރާނެ ކަމަށެވެ.

"ދަންނަވަންތޯ! އަޅުގަނޑުމެންގެ މި ޕާޓީގެ ތާރީހުގައި ވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ވާދަކުރާ އިންތިހާބަކީ ކެނދިކުޅުދޫ ދާއިރާގެ ބައި-އިލެކްޝަން. އަޅުގަނޑުމެންގެ ކެންޑިޑޭޓް ވާދަކުރައްވަން ޖެހެނީ އެމްޑީޕީގެ ކެންޑިޑޭޓާ. އެމްޑީޕީއަކީ ކިތަންގެ ބޮޑު ޕާޓީއެކޭ ބުންޏަސް، ކެނދިކުޅުދޫގެ ރައްޔިތުން މި ތިއްބެވީ މިގޮތުގައި ކަމަށްވާ ނަމަ، ﷲގެ ރަހުމަތްފުޅުން އިރާދަކުރެއްވިޔާ މި ބައި-އިލެކްޝަންގައި ބޮޑުތަފާތަކުން އަޅުގަޑުމެން އެމްޑީޕީ ބަލިކުރާނަން،" އެމްޑީއޭގެ ލީޑަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ، ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބޯދާ ބަޔަކަށް ހަދައިގެން ނުފުއްދޭ ވަރުގެ ވައުދުތައް ވަމުން، ރައްޔިތުން ހައްލަން ބަޔަކު އެބަ މަސައްކަތް ކުރާކަމަށާއި އެކަމާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން ކައިރީ ތިމަންނަމެން އެވެނި ކަމެއް ކޮށްދޭނަމޭ މިވެނިކަމެއް ކޮށްދޭނަމޭ، ތިމަންނަ ވެރިކަމަށް ގެނެސްދޭށޭ، އަނެއްކާ ތިމަންނަ ވެރިކަމަށް ގެނެސްދީފިއްޔާ މިވެނިކަމެއް ކޮށްދޭނަމޭ ބުނެ އެތައް އެތައް ވައުދުތަކެއް ކުރަމުން ގެންދާނެ. އެކަމަކު އޭގެން އެއްވެސް ކަމެއް އެމީހުން ކޮށެއް ނުދޭނެ،" ސިޔާމު ވިދާޅުވި އެވެ. "ވީމާ މި ފަދަ މީހުންނާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ސަމާލުވާން ޖެހޭނެ،

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެ ޕާޓީ އަށް ލޯބިކުރާ ކޮންމެ މެންބަރަކު ވެސް އިތުރު 10 މެންބަރުން ހޯއްދަވައިދެއްވައިގެން އެމްޑީއޭ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައި ހައްދަވައި ދެއްވުމަށް ވެސް ރޭގެ ޖަލްސާގައި ސިޔާމް އެދިވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ވާހަކައިގައި ފާހަގަ ކުރެއްވި ގޮތުގައި ކެނދިކުޅުދޫ ބައި އިލެކްޝަންގެ އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ މި އިންތިޚާބުގައި ވާދަ ކުރާ ދެ ކެންޑިޑޭޓުންނަކީ ސިޔާސީ ގޮތުން އެންމެ ދޮށީ ޕާޓީ އާއި އެންމެ ހަގު ޕާޓީގެ ކެންޑިޑޭޓުންނަށް ވުމެވެ.

އެހެން ކަމުން އެމްޑީއޭގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްކުރާ މަންދޫބެއްގެ ގޮތުން ޕާޓީގެ ސިޔާސީ ހަޔާތުގައި އުފެދޭ ފުރަތަމަ މެންބަރު، "ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ޓަކައި ﷲ އިރާދަފުޅު ކުރެއްވިޔާ، ހަތަރެއް މޭ، ހޮނިހިރު ދުވަހު އޮންނަ ބައި-އިލެކްޝަންގައި، އަޅުގަނޑުމެންގެ ލީޑަރު އުންމީދު ކުރައްވާ ފަދަ 80 ޕަސެންޓަށް ވުރެ މަތީ ނަތީޖާއަކުން ކާމިޔާބު ކުރާނަން،" ކެނދިކުޅުދޫ ރަށުކައުންސިލްގެ އިންތިޚާބާ ގުޅޭ ގޮތުން މައުރޫފު ވިދާޅުވި އެވެ.

އެމްޑީއޭގެ ޖަލްސާ ގައި ޕާޓީގެ ނައިބު ލީޑަރު އަދި ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ކަންކަން ކާމިޔާބު ކުރުމުގައި އެމްޑީއޭ އިން ކެނދިކުޅުދޫގައި ދައްކުވައިދިން މަންޒަރުން ތަރައްގީ އަކީ ކޮބައިކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

"ތަރައްގީ އަކީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންވާ ކަމެއްކަން މިތަނުން މި ފެންނަ މަންޒަރުގެ ތަންކޮޅެއް ވައިޑް ޝޮޓެއް ދައްކައިލީމާ އެނގިގެންދާނެ. އެމްޑީއޭ ވުޖޫދަށް ގެނައުމަށް ފަހު އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެމްޑީއޭ ދިރުވުމަށް މަސައްކަތް ކުރިން. ތަރައްގީއަށް އަޅުގަނޑުމެންނާ އެކު ތިޔަ ބޭފުޅުން ކުރި ބުރަ މަސައްކަތުން ގެނެވުނު ހަގީގީ ތަރައްގީ މިއޮތީ ފެންނަން. އެހެންވީމާ ތަރައްގީއާ ބެހޭ ގޮތުން އެކި ބޭބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކަށް އަޅުގަނޑު ދަންނަވާނީ ތަރައްގީ އަކީ މިއީޔޭ." ޖަލްސާއަށް ވަޑައިގެން ތިއްބެވި އެމްޑީއޭގެ އެތައް ސަތޭކަ މެންބަރުން ދައްކަވަމުން އާމިރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ފުރަތަމަ އަންހެން ނާއިބު ލީޑަރަކަށް ހޮވިވަޑައިގެންނެވި އެމްޑީއޭގެ ނާއިބު ލީޑަރު އާއިޝަތު ރަފިއްޔާ ކެނދިކުޅުދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތީ ރަށުގެ ތަރައްގީ އެއް ވަނަ ދަރަޖައިގައި ކުރިއަށް ގެންދިއުމަށް ޓަކައި އެމްޑީއޭގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށެވެ. ސަބަބަކީ އެމްޑީއޭ އިން އުފުލާލާފައިވާ އަތުގައި ރައްޔިތުން ހިއްޕަވައިފި ނަމަ ރަށުގެ ރައްޔިތުންގެ ކުރިމަގު އުޖާލާވެ ތާޒާ ވާނޭ ކަަމަށާއި އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގައި ފެނިގެން ގޮސްފައި ވަނީ "ތަރައްގީގެ ދުވެލި ތާށިވެ ބުރަކި ޖެހިފައި ހުރި މަންޒަރު" ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.

އެމްޑީއޭގެ ވަފުދު އިއްޔެ ހަވީރު ކެނދިކުޅުދޫ އަށް ލެފުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމްޑީއޭގެ ލީޑަރަށާއި ޕާޓީގެ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ރޭ ކެނދިކުޅުދޫ ގައި އެމްޑީއޭ އިން ބޭއްވި ޖަލްސާ ގައި އެތައް ސަތޭކަ މެންބަރުންނެއް ބައިވެރިވެފައިވެ އެވެ.