03 May 2013, 12:05
ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ދެވަނައަށް އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން އިނގިރޭސިވިލާތުގެ ޗެލްސީ ޖާގަ ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ސްވިޒަލޭންޑުގެ އެފްސީ ބާސެލްއާ ދެކޮޅަށް ކުޅުނު މެޗު އެކުލަބުން ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގައި ބާސެލް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަަރައި ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ލެގުގައި ބާސެލްގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީ އަތުން ދޭއް އެކަކުން އެ ކުލަބުވަނީ ބަލިވެފައެވެ. އެހެންކަމުން އެ ތަފާތު ދުއްވާލައިގެން މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް ބަދަލު ކޮށްލުމަށް އިތުރު ހިތްވަރަކާއެކު ކުރި މަސަކަތުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ފަހުވަގުތު ކޮޅުގައި ބާސެލްއަށް މެޗުގެ ކުރި ހޯދައިނީ އެ ޓީމުގެ މުހައްމަދު ސަލާހުއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިހަ ވަރަކަށް މިނިޓުގެ ތެރޭގައި ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ އަގުބޮޑު ސްޓްރައިކާ ފެނާންޑޯ ޓޮރޭޒްއެވެ. ޓޮރޭސް ރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑަކީ އޭނާ މިސީޒަންގައި ކާމިޔާބު ކުރި 20 ވަނަ ލަނޑެވެ.
ޓޮރޭޒް ލަނޑު ކާމިޔާބު ކުރިތާ ދެމިނިޓފަހުން ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިކްޓާ މޮސެސް އެވެ. އަދި އެ މެޗުގައި ދިހަ މިނިޓުތެރޭގައި ޗެލްސީއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު ބާސެލްގެ އޭރިޔާގެ ބޭރުން ވަރަށް ދުރުން އެކުލަބުގެ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޑޭވިޑް ލުއިސް އެވެ. ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 5-2ން ނެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދުމުން އެ ކުލަބު ވެގެން ގޮސްފައިވަނީ ޔޫރަޕުގެ އެންމެ ބޮޑު ދެމުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި އަދި ޔޫރޮޕާ ލީގުގެ ފައިނަލުގައި ޖެހިޖެހިގެން އަދި ދެސީޒަންގައި ކުޅުނު ދެވަނަ ކުލަބަށެވެ. ކުރިން ހޯސޭ މޮރީނިއޯގެ ކޯޗު ކަމުގައި ޕޯޓޯ ވަނީ 2003-2004ގެ ސީޒަންގައި އެ ދެމުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އެންމެ ފަހުގެ ޔޫރަޕިއަން ޗެމްޕިއަން ޗެލްސީ މި މުބާރާތުގެ ޗެމްޕިއަންކަން މިިފަހަރު ހޯދައިފިނަމަ އެކުލަބު ވެގެންދާނީ މި ދެމުބާރާތުގެ ޗެމްޕިއަންކަން އެ ގޮތަށް ހޯދާ ފުރަތަމަ ކުލަބު ކަމަށެވެ.
ނެދަލެންޑްސްގެ އަމްސްޓަޑަމްގައި މިމަހުގެ 15 ވަނަ ދުވަހު އޮންނަ ފައިނަލުގައި ޗެލްސީ ވާދަކުރަން ޖެހޭނީ ޕޯޗުގީޒުގެ ބެންފިކާ އާއެވެ. ބެންފިކާ ފައިނަލުން ޖާގަހޯދީ ތުރުކީގެ ފެނަބާޗޭ އަތުން ރޭ ތިނެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ތިނެއް ދޭކުން މޮޅުވެގެންނެވެ.