ޕާކިސްތާނުގެ ކުރީގެ އަސްކަރީވެރިޔާ ޖެނެރަލް ރިޓަޔާޑް ޕަރްވޭޒް މުޝައްރަފާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި އޭނާއާ ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދެވި ދައުލަތުގެ ވަކީލު ޗައުދަރީ ޒުލްފިކާރު މިއަދު ހެނދުނު މަރާލައިފި އެވެ.

ޕާކިސްތާނު ފުލުހުންނާ ހަވާލާދީ ފޮކްސް ނިއުސް ބުނީ ޒުލްފިކާރުގެ ގަޔަށް ބަޑިޖަހައި މަރާލީ ކޯޓަށް ދިއުމަށް ޓަކައި އިސްލާމް އާބާދުގެ މަގެއްގެ މަތިން ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް އޭނާގެ ގަޔަށް ބަޑިޖަހައިގެން ކަމަށެވެ.

ޒުލްފިކާރު ވަކާލާތު ކުރަމުން ދިޔައީ މުޝައްރަފުގެ ވެރިކަމުގައި ޕާކިސްތާނުގެ ކުރީގެ ރައީސް ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ޝަރީއަތުގައި ކަމަށް ޕާކިސްތާނު ފުލުހެއްކަމަށްވާ މުހައްމަދު އިޝްހާގާ ހަވާލާދީ ފޮކްސްނިއުސް އިން ބުންޏެވެ.

ޕާކިސްތާނުގެ ދައުލަތުގެ ވަކީލުން ދައުވާކުރާ ގޮތުގައި ބަޑީގެ ހަމަލާތަކަކާއި އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 2007 ވަނަ އަހަރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގައި މުޝައްރަފު ބައިވެރިވެޑައިގެންނެވި އެވެ. އަދި މުޝައްރަފުގެ ސަރުކާރުން ބުއްޓޫ އަށް އެކަށީގެންވާ ރައްކާތެރިކަމެއް ވެސް ނުދެ އެވެ.

މިއަދު ހެނދުނު މަރާލި ޗައުދަރީއަކީ މުޝައްރަފުގެ މައްސަލައިގެ އިތުރުން 2008 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ވެސް މައްސައްކަތް ކުރަމުން އައި ވަކީލެކެވެ.

ލޭއޮހޮރުވުމެއް ނެތް ބަޣާވާތަކުން މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރު އެވެ. އޭގެ ފަހުން 2009 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޕާކިސްތާނުގައި ވަރުގަދަ އަސްކަރީ ވެރިކަމެއް ކުރައްވާފަ އެވެ. އޭނާގެ ވެރިކަމުގައި ފަނޑިޔާރުންތަކެއް ހައްޔަރުކުރި މައްސަލައެއް ވެސް ޕާކިސްތާނުގެ ހައިކޯޓުން މިހާރު އަންނަނީ ބަލަމުންނެވެ.