އެމްއެންބީސީ ވަންގެ އީދު ހަދިޔާ އަށް ހުޅުވާލި ތިން ކޮޓަރީގެ އެޕާޓުމަންޓު ހޯދުމަށް ކުރި އެސްއެމްއެސްތަކުން މިލިއަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ލިބިއްޖެ އެވެ.


ކުރީގެ ޓީވީ މޯލްޑިވްސް ރީ ބްރޭންޑްކޮށް، އަލަށް އުފެއްދި އެމްއެންބީސީ ވަންގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް މިއަދު ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހޯދުމަށް މިދިޔަ ރޯދަ މަހު ހުޅުވާލި ގުރުއަތަށް 960000 އަށް ވުރެ ގިނަ އެސްއެމްއެސް އެ ޗެނެލަށް ފޮނުވާފައިވާ ކަމަށާއި އެއިން ކޮންމެ އެސްއެމްއެސް އެކަށް އެއް ރުފިޔާ ކަސްޓަމަރުންގެ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެސްއެމްއެސް އިން އެމްއެންބީސީ ވަން އަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.


‹އެސްއެމްއެސް އިން ލިބޭ ފައިދާ ދެ ފަރާތަށް [ދިރާގާއި އެމްއެންބީސީ އަށް] ބަހާލާ ގޮތަށް އޮންނަނީ›


"އެސްއެމްއެސް އިން ލިބޭ ފައިދާ ދެ ފަރާތަށް [ދިރާގާއި އެމްއެންބީސީ އަށް] ބަހާލާ ގޮތަށް އޮންނަނީ. ބަހާލާ އަދަދު ރިވީލް [ފާޅު] ކުރުމުގެ ހުއްދައެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނޯވޭ. ކޮންމެ ގޮތެއްވިއަސް ދެ ފަރާތް ފިފްޓީ ފިފްޓީ އަށްވުރެ ރަނގަޅު ނުވާކަހަލަ ގޮތަކަށް އޮންނަނީ."
އާސީފް ވިދާޅުވީ ގުރު ކާމިޔާބު ކުރާ މީހަކަށް ދިނުމަށް ކަނޑައަޅާފައިވާ އެޕާޓްމަންޓަކީ އެމްއެންބީސީން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއް ކަމަށާއި އެޕާޓްމަންޓުގެ އަގު ވިދާޅުވާން ދަތި ކަމަށެވެ.


"އަޅުގަނޑަށް ކުއްލިއަކަށް އަގު ދަންނަވާލަން ދަތި. އެޕާޓްމަންޓު ކުއްޔަށް ހިފާފައި ވާނީ އެމްއެންބީސީ ކުންފުނިން. ތިން ކޮޓަރީގެ އެޕާޓުމަންޓެއް މިހާރު އުޅޭނީ މަހަކު އަށާރަ ހާހާއި ވިހި ހާހާ ދެމެދުގެ އަގަކަށް" އާސިފް ވިދާޅުވި އެވެ.


އެޕާޓްމަންޓަކީ މަހަކު 20000 ރުފިޔާގެ އެޕާޓްމަންޓެއް ނަމަވެސް އެމްއެންބީސީ އަށް އަހަރު ދުވަހުގެ ތެރޭގައި ހަރަދުވާނީ 240000 ރުފިޔާ އެވެ.


އާސިފް ވިދާޅުވީ މިދިޔަ ރޯދަ މަހު އެމްއެންބީސީ ވަން އިން ބޭއްވި ޕްރޮގުރާމުތަކަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. ނަމަވެސް އެމްއެންބީސީން އީދު ހަދިޔާގެ ގޮތުގައި ހުޅުވާލި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ނަސީބުވެރިއަކަށް ހޮވުނު ނަންބަރުންގެ ވެރިފަރާތާ މެދު ސުވާލު އުފެދިފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.  


"އީދު ހަދިޔާ އަށް ހޮވުނު ނަންބަރުގެ ވެރިފަރާތެއް ނޫން އެ ނަންބަރު ގެންގުޅެނީ. އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ދެ ފަރާތް ގެނެސް ވާހަކަ ދައްކާފައި ވަކި ގޮތެއް ނިންމަން. އަޅުގަނޑުމެން އިއުލާނެއް ނުކުރަން ނަންބަރުގެ ވެރިފަރާތަށޭ އިނާމު ލިބޭނީ. އެހެން ނަމަވެސް އުސޫލެއްގެ ގޮތުން އެހެން ބޭފުޅެއްގެ ނަންބަރު ގެންގުޅުއްވާ ނަމަ އެ ބޭފުޅެއްގެ ނަންމައްޗަށް ނަންބަރު ބަދަލުކުރަންވާނެ." އާސިފް ވިދާޅުވި އެވެ.


އެމްއެންބީސީ ވަން އިން އީދު ހަދިޔާހެ ގޮތުގައި ތިން ކޮޓަރީގެ އެޕާޓްމަންޓު ދިނުމަށް ހަމެޖެހިފައި ވަނީ އެއް އަހަރު ދުވަހަށެވެ.


އެމްއެން ބީސީ ވަންގެ ޕްރޮގުތާމުތަކަށް ރޯދުމަހު 1.6 މިލިއަނަށް ވުރެ ގިނަ އެސްއެމްއެސް ލިބިފައިވާކަމަށް އެ ޗެނަލުން ބުނެ އެވެ.