ބިނާކުރަނިވި ނޫސްވެރިކަމަކުން މުޖުތަމަޢުގެ އަމާންކަން އިތުރުވެގެން ދާނެ ކަމަށާއި އެފަދަ ނޫސްވެރިކަމެއް ކުރުމަށް ހިޔުމަން ރައިސްޓްސް ކޮމިޝަން އޮފް ދި މޯލްޑްވިސް (އެޗްއާރްސީއެމް) ގޮވާލައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަބަރާއި މައުލޫމާތު ފަތުރާ ފަރާތްތަކުން ޒިންމާދާރު ނޫސްވެރިކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރަށް ބަލާއިރު އެކަށީގެންވާ މިންވަރަކަށް ރާއްޖޭގައި ނޫސްވެރިލަމުގެ މިނިވަންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިކަމަށް މަގުދައްކާ އެމަގުން ހިނގުމަށް މިހާރަށް ވުރެ ބޮޑަށް ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ކުރާން ޖެހޭ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައިވާ ގޮތުން މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމަށް ޓަކައި ގާނޫނީ ބާރުވެރިކަން ދޭން ޖެހޭ ކަން ފާހަނގަކޮށްފައިވެ އެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަން ކަމުގެ ބިލާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ޖެހޭ ކަމަށް އެޗްއާރްސީމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކާ ބެހޭ ގޮތުން އެޗައާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެހެން ކަމުން އެފަދަ ގާނޫނުތައް ވީހާ ވެސް އަވަހަކަށް އިސްލާހް ކުރަން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމްކޮށް ނޫސްވެރިންނަށް ހިތްވަރު ދިނުމަށް ޓަކައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ޔަގީން ކޮށްދީ އެފަދަ މާހައުލެއް ވީހާ ވެސް އަވަހަކަށް ގާއިމް ކޮށްދިނުމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ދައުލަތުގެ މުއައްސަސާތަކަށް ގޮވައިލައްވާފައިވެ އެވެ.