02 May 2013, 22:48
މާލެ އަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ބޮޑެތި މަގު ތަކާއި ކުދި މަގުތަކާއި ގޯޅި ތަކުގައި ފެންބޮޑު ވުމުގެ ސަބަބުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސައް ބޮޑެތި އުނދަގޫ ތަކާއި ކުރިމަތި ވެއްޖެއެވެ.
އިރު އޮސުނު ވަގުތުން ފެށިގެން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު މެދުނުކެނޑި ބޯކޮށް މާލެ އަށް ވާރޭ ވެހުމަށްފަހު މި ވަގުތު ތުނިކޮށްލާފައި އޮތް ނަމަވެސް އަދިވެސް މާލެ އަށް ދަނީ ވާރޭ ވެހެމުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މިރޭ އިރު އޮސި 6:55 ގައި ބޯކޮށް ވެހެން ފެށި ވާރޭ އަދިވެސް ވެހެމުންދާ ކަމަށާއި ކުރިއަށް އޮތް ވަގުތު ތަކުގައިވެސް މާލެ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ގުގުރުމާއިއެކު ރާއްޖޭގެ އެކި ހިސާބު ތަކައް ވިއްސާ ކުރާނެ ކަމަށް ވެސް މެޓްއޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މާލެ ސަރަހައްދުގައި ވައި އުޅެނީ ގަޑިއަކު 15 މޭލާއި 16 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި ނަމަވެސް ކެރިގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވިލާ ގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީރޭ ވެހުނު ވާރޭގައި އެންމެ ބޮޑަށް ފެންބޮޑުވި އެއް މަގު ކަމަށްވާ ޖަނަވަރީ މަގުގައި ހެދިފައި އޮތް ފެންގަނޑުގައި އަރުވާ ޖަހައިގެން ހިނގާފައި ދިޔަ ދެބައި އުމުރުގެ ފަސް މީހަކާއި ވާހަކަ ދައްކާލުމުން އެމީހުން ބުނީ މިހާރަކަށް އައިސް މީގެ ކުރިއާ ޚިލާފަށް މާލެ އަށް ވާރޭ ފޮދެއް ވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކަށް ވަރަށް ބޮޑެތި އުނދަގޫ ތަކާއި ދުއްތުރާތަށް ކުރިމަތިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
"މިހާރު މިދެން ބޮޑުވަރު. މިނޫން މަގެއް ނެތް. މީގެ ކުރީން މުނިސިޕަލްޓީ އޮތް އިރު މާރަނގަޅު. މިހާރު މިކަންވެސް މި އޮތީ ސިޔާސީ ވެފައި. ސިޓީ ކައުންސިލް އުވާލާފައި ކުރީން އޮތް ގޮތަށް ހަދަންވީ. މިހާރު މި ގައުމުގައި އެއްނެތް އުޅެވޭކަން،" އޭނާ ކިޔައިދިނެއެވެ.
މަގުތަކުގައި ފެންބޮޑުވާ މައްސަލައިގައި މާލޭ ސިޓީ ކައުންސިލުން މީގެ ކުރީން ބުނެފައި ވަނީ މާލޭގެ ކާނުތައް ސާފުކުރާނެ އާލާތްތައް އެކަށިގެންވާ ވަރަށް އެ ކައުންސިލްގައި ނެތް ކަމަށާއި އަދި އެވަރަށް މުވައްޒަފުން ވެސް ނެތް ކަމަށެވެ.
އަދިވެސް މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައް ނުހިކެއެވެ.