ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ކުރުން ހުއްޓާލައިފައިވާ ސިޔާސީ ޕާޓީތަކުގެ ފޯމްތައް އަލުން ޕްރޮސެސް ކުރަން ފަށައިފި އެވެ.

މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަންގެ ދަފްތަރުން އުނިކޮށްފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އުފެދިފައިވާ ޕާޓީތައް އުވޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ކޯޓުން ވަގުތީ އަމުރެއް ނެރުމުން އެ ކޮމިޝަނުން ވަނީ ދަފްތަރުން އުނިކުރި ޕާޓީތައް އަނބުރާ ދަފްތަރުގައި ހިމަނާފަ އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ފޯމްތައް ޕްރޮސެސްކުރުމަށް ނިންމާފަ އެވެ. ނަމަވެސް ޕާޓީތަކުން ހުށަހަޅާ ފޯމްތައް ޕްރޮސެސްނުކުރާގޮތަށް އެ ކޮމިޝަނުން ނިންމި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއޭގެ ފަރާތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެގޮތަށް އަމަލު ނުކުރުމަށް އެ ކޮމެޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޮމެޓީގެ އެންގުމާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ޕްރޮސެސް ނުވެ ހުރި ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

" މި ކޮމިޝަނުން ނިންމާފައިވަނީ މިގޮތަށް ޕްރޮސެސް ނުކުރެވި ހުރި ފޯމްތައް ޕްރޮސެސްކުރުމަށް، އަދި އެމަސައްކަތް މިހާރު ވަނީ ފެށިފަ،" އިލެކްޝަންގެ ނޫސްބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ގޮތަށް އެންގުމާ ގުޅިގެން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާއި އެމްޑީއޭ އިން ހުށަހަޅާފައިވާ ހުރިހާ ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި އެނޫން ޕާޓީތަކުން ހުށަހަޅާ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.