މިދިޔަ އަހަރުގެ މާލީ ބަޔާން އާންމުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޖޫރިމަނާކޮށްފި އެވެ.

ޕަބްލިކް ކުންފުނިތަކުން ކޮންމެ އަހަރެއް ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މުއްދަތުގެ މާލީ ރިޕޯޓު އާންމު ކުރަން ޖެހެ އެވެ.

ސީއެމްޑީއޭ އިން ބުނީ މާލީ ބަޔާން އާންމު ނުކޮށްގެން އެމްޓީޑީސީ 30،000ރ. އިން ޖޫރިމަނާ ކުރީ މާލީ ބަޔާން ހުށަހެޅުމަށް އެ ކުންފުނިން މާލީ ބަޔާން ހުށައެޅުމަށް އުޒުރުވެރިވެ، އެކަން އެ އޮތޯރިޓީއަށް އެންގި ނަމަވެސް މާލީ ބަޔާންތައް ހުށައަޅަންޖެހޭ މުއްދަތު މިހާރު ހަމަވެފައިވާތީ ކަމަށެވެ.

ސީއެމްޑީއޭ އިން މިމަހުގެ 15 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން މާލީ ބަޔާން އާންމުކުރުމަށް އެމްޓީޑީސީއަށް ވަނީ އަންގައިފަ އެވެ.

އެމައްސަލައާ ބެހޭ ގޮތުން އެމްޓީޑީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމްޓީޑީސީ އިން މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަނާޅައިގެން ޖޫރިމަނާ ކޮށްފައިވާއިރު އެކުންފުއްޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ވަނީ ހިއްސާއަކަށް 0.41 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އަދި މިދިޔަ އަހަރު ގެއްލުން ވެފައިވާއިރު 2011 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ.