މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ އޮޅުވާލުމުގައި ޖެހި މިދިޔަ އަހަރު ހައްޖަށް ނުދެވުނު ހުރިހާ ފަރާތްތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފަހުން ފައިސާދައްކާގޮތަށް އެމީހުން ހައްޖަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓުރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސް އަށް ފައިސާ ދެއްކި ފަރާތްތަކަށް އެފައިސާ އަނބުރާ ލިބެންޖެހޭނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މީހުންނަށް އެ ފައިސާ ލިބިފައި ނުވާތީ ފަހުން ފައިސާ ދައްކާގޮތަށް ސަރުކާރުގެ ޚަރަދުގައި އެ މީހުން ހައްޖަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މަލީޝާ ޖަމާއަތައް ފައިސާ ދެއްކި ފަރާތްތަކުގެ ހައްގުގައި އަޅުގަނޑުވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކާއި މަޝްވަރާކޮށްފަ. ފިނޭންސް މިނިސްޓުރީއާއިވެސް މަޝްވަރާކޮށްފަ. މިހާރު އަޅުގަނޑުމެން ގަސްތުކުރަނީ އެފައިސާއަށް ހިޔާނާތްތެރިވި މީހާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެފައިސާ އަކީ އެމީހުނަށް ލިބެންޖެހޭ އެއްޗެއް. އެއީ މީހުންގެ ހައްގު. އެފައިސާ ފަހުން ސަރުކާރަށް ނެގޭގޮތަށް ސަރުކާރުން އެފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭތޯ މިދަނީ މަސައްކަތްކުރަމުން" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އަދި އެކަމަށް ވަކިގޮތެއް ނުނިންމާކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ތެރޭގައި އެކަމަށް ވަކިގޮތެއް ނިމޭނެ ކަމަށެވެ.

ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ވަނީ 8,626,000ރ. ނަގާފަ އެވެ. އެ ފައިސާއަށް އިސްމާއީލް އަބްދުއްލަތީފް ޚިޔާނާތްތެރިވެފައިވާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިޔުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދަން ހަތަރު ކުންފުއްޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށް އެ މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައިވާތީ ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތްތައް މިހާރު ފަށަފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މިނިސްޓަރު ވިދާޅުވީ ވީހާވެސް އަވަހަކަށް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ގޮތެއްކަނޑައަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.