02 May 2013, 17:12
ސްރީލަންކާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގަށް ތާރައެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) މިއަދު ސަން އަށް ވިދާޅުވީ ގަމުން ފެށިގެން ހިތަދޫ ކޮޅުން ހަންކެނޑެއާ ގުޅޭ ހިސާބަށް ހަދާ 4.5 ކިލޯ މީޓަރުގެ މަގުގައި ތާރު ލޭޔަރު މިއަދު އަޅަން ފެއްޓި ނަމަވެސް އެ މަގުގެ މަސައްކަތް މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެއްޓިގެން ކުރިއަށްދާ ކަމަށެވެ.
ސޯބެ ވިދާޅުވީ ލިންކް ރޯޑާ ހިލާފަށް އަލަށް ހަދާ މަގު ތައްޔާރު ކުރަނީ ވަރަށް ފެންވަރު ރަނގަޅުކޮށް ކަމަށާއި އެގޮތުން ފުރަތަމަ މަގުގެ އަޑިއަށް 100 މިލިމީޓަރުގެ ލީން ކޮންކްރީޓް ޝީޓެއް އަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތާރުއަޅަނީ 50 މިލިމީޓަރަށް ކަމަށެވެ.
"އެ އަށް ފަހު ވަރަށް ހިމަ، އޮމާން ތާރު ލޭޔަރެއް[ފަށަލައެއް] އަޅާނެ." ސޯބެ ވިދާޅުވި އެވެ.
ލަންކާގެ ރޯޑް ޑިވެލަޕްމަންޓް ކޯޕަރޭޝަނުން ނިވު މިލިއަން ޑޮލަރު(138 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ މަގުގައި 45 ފޫޓް ފުޅާމިން ހުރެ އެވެ. ދެ އަރިމަތީގައި ގާތްގަނޑަކަށް ހަތް ފޫޓު ފުޅާމިން ހުރެ އެވެ.
ތާރުއެޅުމުގެ މަސައްކަތް ނިންމުމަށް 20 ދުވަސް ވަރު ހޭދަ ވާނެ ކަމަށް އައްޑޫ ސިޓީން ބުނެ އެވެ.