އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ރީ އިލެކްޝަންގެ ނަތީޖާ އިންލާން ކުރި އިރު ވެސް އިތުރު ދެ މަގާމެއްގެ އިންތިހާބު އަދި ވެސް ބާއްވަން ޖެހޭ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފި އެވެ.


މި މަހު އެކެއްގައި ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކިއެކި މައްސަލަތައް ކުރިމަތިވެގެން އަލުންބާއްވަން ޖެހުނު ނުވަ ދާއިރާއެއްގެ އިންތިހާބު މިދިޔަ ހުކުރު ދުވަހު ބާއްވައި އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާން ކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ މި އިންތިހާބުގައި، ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ އާއި ސެކްރެޓަރީގެ ނާއިބަށް އެކަށީގެންވާ ވަރަށް ވޯޓު ލިބިފައި ނުވާތީ އެ ދެ މަގާމު ހޮވުމަށް އަދި އެއްފަހަރު އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އެ އިންތިހާބުގައި އެންމެ ކެނޑިޑޭޓަކު ކުރިމަތިލި މަގާމެއް ނަމަ އިންތިހާބު ވުމަށް އެ ދާއިރާއެއްގެ މެންބަރުންގެ ދިހަ ޕަސެންޓް ވޯޓު ހޯދަން ޖެހޭނެ ކަމަށް އިންތިހާބާ ބެހޭ ގަވާއިދު ބުނާ އިރު، އެ ދެ މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންނަށް އެ އަދަދަށް ވޯޓު ލިބިފައި ނުވާތީ އެ ދެ މަގާމުގެ އިންތިހާބު ބާތިލްކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.


ނަމަވެސް އެ ދާއިރާގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.


ހުޅުހެންވޭރު ދާއިރާގެ ސެކްރެޓަރީ ކަމަށް ވާދަކުރި އަބްދުﷲ ސައީދަށް ލިބިފައި ވަނީ 27 ވޯޓެވެ. އެއީ ދާއިރާގެ މެންބަރުންގެ 5.45 ޕަސެންޓެވެ. ސެކްރެޓަރީގެ ނައިބުގެ މަގާމަށް ވާދަކުރި އަހުމަދު ސޮފުވާނަށް ލިބުނީ 39 ވޯޓެވެ. އެއީ 7.88 ޕަސެންޓެވެ.


ވަހީދު ވިދާޅުވީ އެ ދެ މަގާމުގެ އިންތިހާބު ދެން ބާއްވާނީ، މި މަހު 28 އިން 30 އަށް ބާއްވާ އެ ޕާޓީ ކޮންގަރެސް އަށް ފަހުގައި ކަމަށެވެ. އަދި ކޮންރެހުގައި 930 މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު ނުބޭއްވުމަކުން ކޮންގްރެސް އަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އެކަމަށް ޓަކައި ކޮމެޓީއަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.