ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފަރާތުން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލްހާމް މިހެން ވިދާޅުވީ ހުސްވި ހަފްތާގެ ބުދަ ދުވަހު ސްވިޒަލޭންޑްގެ ޒިއުރިކަށް ވަޑައިގެން ފީފާގެ ރަސްމީ އޮފީހުގައި އެ އިދާރާގެ ރައީސް ޖޯޒެފް ބްލެޓާއާ ބައްދަލުކުރުމަށްފަހު އެ ޖަމާއަތުގެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ރައީސް ވަހީދުގެ ފަރާތުން ވަރަށް ބޮޑު އެބާރުލުމެއް ލިބޭ. އަޅުގަނޑުމެން އެފްއޭއެމްއާ ހަވާލުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ވަރަށް މަސައްކަތް ކުރާނަން،" ފީފާގެ ރަސްމީވެބްސައިޓަށްއިލްހާމް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

އިލްހާމް ވިދާޅުވީ، ބްލެޓާއާ ބައްދަލުކުރެވުމުން ވަރަށް އުފާވި ކަމަށާއި އެގޮތުން އެބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ ބެހޭ ގޮތުން ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެ މަޝްވަރާ ތަކުގައި ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމުގެ ގޮތުން މިވަގުތުން މިވަގުތައް ކުރާން އޮތް އެންމެ މުހިންމު ކަމަކީ ގުރާސްރޫޓް ފުޓްބޯޅަ ރާއްޖޭގައި ތަރައްގީ ކުރުން ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބްލެޓާގެ އެހީ ތެރި ކަމާއެކު ދިވެހި ފުޓްބޯޅަ މިހާރަށް ވުރެ ބޮޑަށް ކުރިއަށް ޖެއްސުމުގެ ގޮތުން މިއަހަރު ވެސް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާނެ ކަމަށެވެ.

އިލްހާމް ވިދާޅުވި، ރާއްޖޭގެ ކުޑަކުދިންނަށް އަމާޒް ކޮށްގެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ފުޓްބޯޅައަކީ ރާއްޖޭގެ އެއްނަންބަރު ކުޅިވަރު. ނުވަ އަހަރުން ފެށިގެން ގޮސް 21 އަހަރުން ދަށަށް މުބާރާތްތައް ބާއްވަން ގަސްތުކުރަން. ބްލެޓާ ޔަގީންކަން ދެއްވި އެމަނިކުފާނާއި ފީފާ އޮތީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް ތައްޔާރައްކަން. އަހަރުމެން ބްލެޓާއަށް ވަރަށް ޝުކުރުއަދާކުރަން. އަހަރުމެން ހެޔޮގޮތުގައި ދައުރު އަދާކުރާނެކަމުގެ ޔަގީންކަން ބްލެޓާއަށް ދިނިން. އަދި ބްލެޓާ ރައްޖެއަށް އައުމަށް ދައުވަތު ވެސް ދިނިން" އިލްހާމް ވިދާޅުވި އެވެ.

ފީފާގެ ރައީސް ކަމަށް ފުރަތަމަ ފަހަރަށް ބްލެޓާ ހޮވިފައި ވަނީ، 1998 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފީފާގައި މަސައްކަތް ކުރައްވަމުންނެވެ.