02 May 2013, 16:03
ގދ. މަޑަވެލީ ޒުވާނުންގެ މަރުކަޒާއި އެ ރަށުގައި ކުޅިވަރު ކުުޅުމަށް ހާއްސަކޮށްގެން ހަދާފައިވާ ސަރަހައްދު "ކިޔު ވަން އެރީނާ" ކުޅިވަރާ ބެހޭވަޒީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ހުޅުއްވައި ދެއްވައިފި އެވެ.
މަޑަވެލީގެ ކައުންސިލާއި ޔޫތުމިނިސްޓްރީ ގުޅިގެން ތަރައްގީ ކޮށްފައިވާ ކިޔު ވަން އެރީނާއަކީ ފުޓްބޯޅަ، ފުޓްސަލް، ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ބަށިފަދަ ކުޅިވަރުތައް ކުޅެވޭގޮތަށް ވަރަށް ފުރިހަމައަށް ތަރައްގީ ކޮށްފައިވާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދުގައި ކަސްރަތު ކުރުމަށާއި ކުޅިވަރާ ގުޅޭ ގިނަ ވަސީލަތްތަކެއް ގާއިމު ކުރެވިފައިވާކަމަށް ކުޅިވަރާބެހޭ ވުޒާރާގެ އޮފިޝަަކު ވިދާޅުވިއެވެ.
މިދިޔަ އަންގާރަދުވަހުގެ ހަވީރު މަޑަވެލީ ކިޔު ވަން އެރީނާ ހުޅުއްވައި ދެއްވުމަށްފަހު މުންދު ވަނީ އެ ރަށުގައި ކުޅިވަރާބެހޭ ވުޒާރާއިން އިމާރަތް ކޮށްދެއްވާފައިވާ ޒުވާނުންގެ މަރުކަޒުވެސް އެރޭ ރޭގަނޑު ހުޅުއްވައި ދެއްވާފައެވެ.
މަޑަވެލީ ޒުވާނުންގެ މަރުކަޒު ހުޅުވުމަށްބޭއްވި ހަފްލާގައި މިނިސްޓަރު މުންދު ދެއްކެވި ވާހަކަފުޅުގައި އަވަސް މުއްދަތެއްގެ ތެރޭގައި އެފަދަ ޒުވާނުންގެ މަރުކަޒެއް މަޑަވެލީގައި ގާއިމު ކުރެވިގެން މިދިޔައީ އެ ރަށުގެ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުުލުން ލިމުން ކަމަށާއި އަދި މަޑަވެލީގެ ރައްޔިތުންނާއި ކައުންސިލުން ދެއްކެވީ ރީތި ނަމޫނާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.