އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ވިހެއުމަށް ފަހު ތުއްތު ކުއްޖަކު ވަޅުލި މައްސަލައިގައި ދެމަފިރިންގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.

އެ ދައުވާ އުފުލާފައި ވަނީ ސ. މަރަދޫ ޝޭމްރޮކް އާމިނަތު ޝާހީ އާލަމް، 21 އާއި އޭނާގެ ފިރިމީހާ ސ. މަރަދޫފޭދޫ ފިނިފެންމާގޭ އިބްރާހީމް ވިސާމް،26،ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކޯޓަށް ހުށަހެޅީ މިއަދު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ވިހެއުމަށް ފަހު އެ ކުއްޖާ ވަޅުލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޝާހީ ކައިވެނިކޮށްގެން ބަލިވެ އިނދެ ވިހި ހަފްތާގައި ވިހާފައިވާ ކުއްޖާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އަދި ބަލިވެއިނދެ ދަރިވައްޓާލުމުގެ ނިޔަތުގައި ދަރިވައްޓާލަން ބޭނުންކުރާ ޒާތުގެ ބޭހެއް ބޭނުންކޮށްފައިވާ ކަމަށާއި ބަނޑުގައި ރިއްސުމުން ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ޝާހީ ވިހެއުމުން ދަރިފުޅު ކޮތަޅަކަށް ލައިގެން ގޮސް އޭނާގެ ފިރިމީހާ އެރަށު ބިއުޓީރޯސްގެއާ ދިމާލު އަތިރިމަތީގައި ދަރިފުޅު ވަޅުލާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

އެ ސަރަހައްދަށް ގޮސް އެތަން ކޮނެގެން ކޮތަޅަކަށް ލާފައި އޮތް އެދަރިފުޅު ނަގައި ފުލުހުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އެތަނުގައި މަސައްކަތްކުރާ ނަރުހަކު ބުނެފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދަރިފުޅު ވަޅުލީ އެ ވަގުތު ކުއްޖަކު ބޭނުން ނުވާތީ ކަމަށް ތަހުގީގުގައި އެ ދެމަފިރިން ބުނެފައިވާ ކަމަށެވެ.