02 May 2013, 14:33
ތެލަސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑު އިތުރުވިޔަ ނުދިނުމަށް ނުވަތަ "އަޔަން ކިލޭޝަން" އަށް ބޭނުންވާ ބޭސްތައް ދޫކުރުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކަކީ ބޭއިންސާފު ބަދަލުތަކެއް ކަމަށް މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީއިން ބުނެފި އެވެ.
އެސޮސައިޓީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ބައެއް ބެލެނިވެރިން ތެލަސީމިއާ ކުދިންނަށް "އަޔަން ކިލޭޝަން" އަށް ބޭނުންވާ ބޭސްތައް ދިނުމުގެ އިހުމާލުވާތީވެ ކަމަށް ބުނެ، މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބޭސް ދޫކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.
އަޔަން ކިލޭޝަންއާ ބޭނުންވާ ބޭސްތައް ކަމަށްވާ ޑެސްޕެރޯލް އިންޖެކްޝަންއާއި ކެލްޕާ ކެޕްސޫލާއި އަސުންރާ ގުޅަ ބޭސް ދޫކުރުމުގައި ބްލަޑް ސާވިސަސް އިން ގެނެސްފައިވާ ބަދަލަކީ ބޭސް ހޯދުމަށް ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ބްލަޑް ސާވިސަސް އަށް ދާން ޖެހޭ ގޮތަށް ގެނެސްފައިވާ ބަދަލެކެވެ.
ތެލަސީމިއާ ސޮައިޓީ އިން ބުނީ މިބަދަލަކީ، "މަދު ކުއްޖެއް ނުވަތަ މަދު ބެލެނިވެރިންތަކެއް" ތެލަސީމިއާ ކުދިންނަށް ބޭސް ދިނުމުގެ އިހުމާލެވާތީވެ ކަމަށް ބުނެ، އެއީ އުޒުރެއް ކަމަށް ބަލާ މިފަދަ ބަދަލެއް ގެނައުމަކީ ކުދިންނަށް ބޭނުންވާ ބޭސް ގަވާއިދުން ދޭ ބެލެނިވެރިންނަށް ކުރެވޭ ބޮޑު ނާއިންސާފެއް ކަމަށެވެ.
"މަދު ބެލެނިވެރިންތަކެއްގެ އަމަލުތަކުގެ ސަބަބުން ބާކީ ތިބި ހުރިހާ ކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް، ހާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ތެލަސީމިއާ ކުދިންނަށް ސްކޫލުގައި ތައުލީމު ހާސިލްކުރަމުން، ބޭސް ބަލާ ހަފްތާއަކު އެއްފަހަރު ނުވަތަ ދެހަފްތާއިން އެއްހަފްތާ މާލެ އައުމަކީ ބެލެނިވެރިންނާއި ކުދިންނަށް ތަހައްމަލުކުރަން ޖެހޭ ބޮޑު ދައްޗަކަށް ވެގެންދާނެ." ތެލަސީމިއާ ސޮސައިޓީގެ ނޫސް ބަޔާނުގައިވެ އެވެ.
އެސޮސައިޓީއިން ބުނީ ތެލަސީމިއާ ކުދިންގެ ފަރުވާގެ މައިގަނޑު ބައެއް ކަމަށްވާ އަޔަން ކިލޭޝަންއަށް ބޭނުންވާ ބޭސް ދޫކުރުމުގެ އުސޫލުތަކަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވަނީ ކިހާވަރަކަށް މިކަމާ މެދު ވިސްނުމަށްފަހުގައި ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.