02 May 2013, 14:15
އިންޓަނޭޝަނަލް ކައުންސިލް އޮފް ސްޕޯޓް ސައިންސް އެންޑް ޕިޒިކަލް އެޑިއުކޭޝަން (އައިސީއެސްއެސްޕީއީ) ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ، އައިސީއެސްއެސްޕީއީގެ މެމްބަރުކަން ރާއްޖެއަށް ލިބުމުން ކުޅިވަރު ތަރައްގީ ކުރުމުގައި އެމްއެންއައިއެސްއިން ކުރާ މަސައްކަތަށް އެޖަމިއްޔަގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
އިންޓަރނޭޝަނަލް ކައުންސިލް އޮފް ސްޕޯޓް ސައިންސް އެންޑް ޕިޒިކަލް އެޑިއުކޭޝަން (އައިސީއެސްއެސްޕީއީ) އަކީ 1958 ވަނަ އަހަރު ފްރާންސްގެ ވެރިރަށްކަމުގައިވާ ޕެރިހުގައި އުފެދުނު ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިމަރުކަޒު ހުންނަނީ ޖަރުމަނުގެ ބާލިން ގައެވެ. އެގޮތުން އެޖަމިއްޔާއަކީ އައިއޯސީ އިން ގަބޫލުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއަކަށް ވެފައި އ.ދގެ ޔުނެސްކޯގެ އޮފިޝަލް ބައިވެރިއެއް ވެސް މެއެވެ.
އަދި މީގެ އިތުރުން އައިސީއެސްއެސްޕީއީ އަކީ ޑަބްލިއުއެޗްއޯއާ އެކީ ބޮޑެތި ޕްރޮޖެކްޓް ހިންގާ ފަރާތެކެވެ.
އައިސީއެސްއެސްޕީއީގެ މައިގަނޑު މަގުސަދުގެ ތެރޭގައި ފަސް ކަމެއް ހިމެނެއެވެ. އެއީ ކުޅިވަރިގައި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކޮށް އާލާކުރމާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރާބެހޭ ސައިންޓިފިކް ރިސާޗް ކުރިއެރުވުމާއި، ރޭވުން އަދި ފަށަން އެހީތެރިވުމާއި ކުޅިވަރާ ބެހޭ އިލްމު ބޭނުންވާ ގައުމީ އަދި ބައިނަލް އަގުވާމީ ޖަމިއްޔާތަކައް ލިބޭނޭގޮތް ހެދުމާއި ސްޕޯޓްސް ސައިންސްގެ ވައްތަރުތައް އުގަންނައިދިނުން އަދި ޖަމިއްޔާގެ އަމާޒާ ގުޅުން ހުރި ޖަމިއްޔާތަކަށް އެހީތެރިވެދިނުން ކަމަށެވެ.