02 May 2013, 13:54
ބަރުމާގެ ރާޚިން ސްޓޭޓްގައި ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު މިދިޔަ އަހަރު ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު މުސްލިމުންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އދ. އިން ބުނެފި އެވެ.
ބަރުމާގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް އދ. އިން ކަނޑައެޅި ސްޕެޝަލް ރެޕަޓުއާ ތޯމަސް އޮޖީ ކުއިންތާނާ ނެރުއްވި ރިޕޯޓްގައި ވަނީ އެފިޔަވަޅުތަކުގެ ސަބަބުން ގެދޮރާއި ކާނާއާއި ބޭސްފަރުވާ އަދި ތައުލީމު ހޯދުމުގެ ވަސީލަތްތަކަށް ވާސިލުވުމުން މުސްލިމުން މަހުރޫމްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ކާނާ ނުލިބުމާއި ބަލިތައް ފެތުރުން ފަދަ މައްސަލަތައް މުސްލިމް އާބާދީއަށް ކުރިމަތިވެފައިވާ ކަމަށެވެ.
މުސްލިމުންނާ މެދު އަޅާފައިވާ އެކަށީގެން ނުވާ ދަތިކުރުމުގެ ފިޔަވަޅު ވަގުތުން އުވާލުމަށް ރިޕޯޓްގައި ތޯމަސް ގޮވާލައްވާފައިވެ އެވެ.
".. ވަގުތީ ހިޔާތަކުގައި ތިބި މުސްލިމް އާބާދީތައް ހަރަކާތްތެރިވެ އުޅުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އެކަށީގެން ނުވާ އަދި ހަރުކަށި ފިޔަވަޅުތައް ލުއިކުރުމަކީ، ވަގުތުން ވަގުތަށް ކުރާ ކަމެއްގެ ގޮތުގައި ކުރުމަށް އަޅުގަނޑު (ބަރުމާގެ) އިދާރާތަކަށް އަޅުގަނޑު ގޮވާލަން،" ރިޕޯޓްގައިވެ އެވެ.
ސިއްތިވޭ ގައިވާ އަންމިންގަލާ އާއި ރާޚިން ސްޓޭޓް ފަދަ ސަރަހައްދުތަކުގައި މުސްލިމުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށާއި ކުށްކުރި ފަރާތްތައް ޖަވާބުދާރީކުރުވުމަށް ވެސް އދ.ގެ ރިޕޯޓްގައި ގޮވާލާފައިވެ އެވެ.
ރާޚިން ސްޓޭޓާއި ބަރުމާގެ އެހެން ސްޓޭޓްތަކުގައި ބަރުމާ ސަރުކާރުން ރާވައިގެން މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމުގެ އިތުބާރު ހުރި ރިޕޯޓްތައް ލިބިފައިވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
" ... އޭގެ ތެރޭގައި ގާނޫނާ ހިލާފަށް މެރުން، ރޭޕްކުރުމާއި ޖިންސީ ގޯނާކުރުން، ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ހައްޔަރުކޮށްފައި ބައިތިއްބައިގެން ޓޯޗާ ކުރުން ފަދަ ކަންތައްތައް ހިމެނޭ،" ތޯމަސް ވިދާޅުވެފައިވެ އެވެ.