24 Oct 2010, 07:52
ސަރުކާރުން ދިވެހި ރައްޔިތުންނާ ދޭތެރޭ ހިންގާފައިވާ ލާ އިންސާނީ އަދި އަނިޔާވެރި އަމަލުތައް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ނައިބު ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެއީ ކޮން ސަރުކާރުން ހިންގާފައިވާ ލާ އިންސާނީ އަމަލުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެޗްއާރުސީއެމުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި، ސަރުކާރުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކުގެ ފިކުރު އެކުލެވުމުގެ ތަމްރީނު ޕްރޮރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ލާ އިންސާނީ އެތައްކަމެއް ސަރުކާރުން ހިންގާފައިވާ ކަމަށެވެ.
‹އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ހަނދާނަކުން ފޮހެވިގެން ނުދޭ އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމުގައި ވެސް ޤާނޫނުގެ ބޭރުން ރައްޔިތުންނާ ދޭތެރޭގައި އަނިޔާވެރި އަމަލުތައް ސަރުކާރުގެ ފަރާތުން ހިންގައިފައިވާކަން›
"ދިގު މަސައްކަތަށް ފަހު ޑިމޮކްރަޓިކް ވެރިކަމެއް ދިވެހިރާއްޖެ އަށް ގެނެވިގެން ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާއިރުގައި އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ހަނދާނަކުން ފޮހެވިގެން ނުދޭ އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމުގައި ވެސް ޤާނޫނުގެ ބޭރުން ރައްޔިތުންނާ ދޭތެރޭގައި އަނިޔާވެރި އަމަލުތައް ސަރުކާރުގެ ފަރާތުން ހިންގައިފައިވާކަން. އަދި ލާއިންސާނީ އެތައް ކަމެއް ވެސް ހިންގާފައިވާކަން،"
ނާއިބު ރައީސް ވިދާޅުވީ ސަރުކާރުން މިފަދަ ކަންތައްތައް ހިންގާ ސަބަބުތަކާ މެދުގައި ކޮންމެ ބޭފުޅަކު ވެސް ވިސްނަން ޖެހޭ ކަމަށާއި ގައުމުތަކުގެ މެދުގައި ލާއިންސާނީ ކަންކަން ހިނގާ މިންވަރަށް ގައުމުތަކުގެ އެތެރޭގައި ވެސް ލާއިންސާނީ އަމަލުތައް ހިންގާ ކަމަށެވެ.
" ދިވެހިރާއްޖޭގެ އާ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ދިވެހި ރައްޔިތުންގެ ހައްގުތައް ވަރަށް ފުރިހަމަ އަށް ކަނޑައެޅިފައި އެބަހުރި. ވީމާ ސަރުކާރުގެ އެކި އެކި ވުޒާރާތަކުންނާއި އިދާރާތަކުން އަދި ދައުލަތުގެ އެކި އެކި މުއައްސަސާތަކުން އެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އެތަންތާގެ ވާޖިބެއް. ވިސްނައިގެން ނުވާނެ ލާއިންސާނީ އަމަލުތައް ހިންގާނީ ހަމައެކަނި ނާތަހުޒީބު މީހުންނޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވިސްގެ ރައީސާ މަރިޔަމް އަޒުރާގެ ވާހަކައިގާ ވިދާޅުވީ އިންސާނީ ހައްގުތަކުގެ ފިކުރު ނުވަތަ އޭގެ މުހިންމު އަސާސްތަކާއި އުސޫލުތައް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި އަދި ދިރިއުޅުމުގެ ކަންކަމުގައި ވެސް ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އެކަންކަން އިސްލާމް ދީނުގެ ކަރާމާތަށް ފުށުނާރާ ގޮތަށް ގެންގުޅެވިއްޖެ ނަމަ ޑިމޮކްރަސީއާ ފުށުނާރާ ގާނޫނީ ވެއްޓެއް ގާއިމުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމުގެ މި ތަމްރީނު ޕްރޮގުރާމް އަމާޒުކޮށްފައި ވަނީ ސަރުކާރުގެ މިނިސްޓްރީތަކަށް އެ ކޮމިޝަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓުތަކަށެވެ. މި ޕްރޮގުރާމް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.