02 May 2013, 13:53
ސަރުކާރު މުވައްޒަފުންގެ ރަސްމީގަޑީގައި ދެމުން ގެންދިޔަ ތިރީސް މިނެޓްގެ ހުސް ވަގުތު ކޮޅު މިއަދުން ފެށިގެން އެއްގަޑިއިރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސެވީ ކުރިން ދެމުން އަންނަ 30 މިނެޓްގެ ހުސްވަގުތު ކޮޅަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކޮޅެއް ކަަމަށް ނޫން ކަމުގައި މުވައްޒަފުން ފާހަގަކުރަމުން ގެންދާތީ އެކަމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް މެދުނުކެނޑޭނެގޮތަކަށް، މެންދުރު 12:00 އިން 1:00 އަށް ނުވަތަ 1:00 އިން 2:00 އަށް، ހުސްވަގުތުކޮޅު މުވައްޒަފުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ހުރިހާ މުވައްޒަފުން ވެސް މަސައްކަތާއި ވަގުތުގެ ބޭނުން، ވީހާވެސް ރަނގަޅަށް ހިފުމަށާއި ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ހުސް ވަގުތުކޮޅުގެ ތެރޭގައި ނޫނީ އޮފީހުން ބޭރަށް ނުދިއުމަށާއި ހާޒިރީއަށް ފަރުވާ ބެހެއްޓުމަށް ރައީސް ރޭގެ ޖަލްސާގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.