02 May 2013, 13:45
ޕާކިސްތާންގެ ލާހޫރުގައި މާދަމާ ފަށަން ހަމަޖެހުނު 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.
މުބާރާތް ފަސްކުރަން ޖެހުނީ ޕާކިސްތާނުގައި މި މަހު ބާއްވާ އެ ގައުމުގެ އާންމު އިންތިހާ ބާގުޅިގެން އެގައުމުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހުމުން ކަމަށް ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން ބުނެ އެވެ.
މުބާރާތުގައި ވާދަކުރުމަށް މިއަދު ޕާކިސްތާނަށް ފުރަން ހަމަޖެހުނު ރާއްޖޭގެ ގައުމީ ބޮޑީ ބިލްޑިންޓީމް ވެސް މިހާރު ވަނީ ފުރުން ކެންސަލްކޮށްފަ އެވެ.
ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ނައިބު ރައީސް އިބްރާހިމް ހަމީދު ވިދާޅުވީ، މުބާރާތް ފަސްކުރިކަން ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން މިހާރު ވަނީ ރަސްމީކޮށް އަންގާފައި ކަމަށެވެ. އެހެން ނަމަވެސް މުބާރާތް ބާއްވާނެ ވަކިތާރީހެއް އަދި އަންގާފައި ނުވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ އިން ވާދަކުރަނީ ހަތަރު ކެޓަގަރީން ފަސް ބޮޑީ ބިލްޑަރުންނެވެ.
ރާއްޖެ އިން މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ބިލްޑަރުންނަކީ 55ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލީ މޫސާ އާއި 60 ކެޓަގަރީގައި ވާދަކުރާ އިބްރާހިމް ޝާނީޒް އާއި 65ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ކަސްޓަމް ސާވިސްގެ އާދިލް މުހައްމަދާއި ހަމަ އެކެޓަގަރީން ވަދަކުރާ އަލީ ޝަރީފް އަދި 70ގެ ކެޓަގަރީން ވާދަކުރާ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަލި މަނިކެވެ.