މިފަހަކަށް މާލެތެރޭގައި ކުދިކުދި ވައްކަންތައް ކުރަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށާއި އެކަމަށް އާއްމު ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިދިޔަ މަހުގެ އެކަނި ވެސް މާލޭން 563 ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ވަގަށް ނަގައިގެން އާއްމު ގޮތެއްގައި ރިޕޯޓްކޮށްފައި ހުންނަނީ އަތް ދަބަހާއި މޮބައިލް ފޯން އަދި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނުތައް ކަމަށެވެ. އަދި އެފަދަ ވައްކަންތައް ރިޕޯޓްކޮށްފައި ވަނީ ހުންނަނީ ގޭގެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ އަށް ގަޑިއިރަކުން އަށެއް ނޫނީ ނުވަ ވައްކަމުގެ މައްސަލައެއް އެބަ ރިޕޯޓް ކުރޭ. އާއްމު ގޮތެއްގައި ވަގަށް ނަގަނީ ގޭގެއިން އިލެކްޓްރޯނިކްސް ސާމާނު. ބޮޑެތި ކްރައިމްތައް ކުރާ މިންވަރު މިދުވަސްވަރު މާލޭ ތެރޭގައި މަދު ކުރެވިފައިވީ ނަމަވެސް ކުދިކުދި ވައްކަންތައް އިތުރުވަމުންދާ ކަން ފާހަގަކުރެވޭ. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވުމަށް އާއްމުންނަށް އިލްތިމާސްކުރަން،" ހަނީފު ވިދާޅުވި އެވެ.

ފުލުހުން ބުނީ މިފަދަ ވައްކަންތައް އާއްމު ގޮތެއްގައި ކޮށްފައި ވަނީ ހުންނަވީ ގޭގެގެ ތެރެއަށް ފަސޭހައިން ވަދެވެން ހުންނަ އެންޓްރީތައް ބޭނުންކޮށްގެން ކަމަށެވެ.

"އެފަދަ ވައްކަންތައް އާއްމު ގޮތެއްގައި ކޮށްފައި ހުންނަނީ ގޭގެ ތަޅުނުލައި އެގެއެއްގެ ވެރިފަރާތުން ބޭރަށްދާ ވަގުތާ ދިމާކޮށްގެންނާއި ރަނގަޅަށް ނުލައްޕާ ބަހައްޓާފައި ހުންނަ ކުޑަދޮރުތައް ބޭނުންކޮށްގެން ވަދެ، އެހެންވެ ބޭރަށްދާ ވަގުތުތަކުގައި ދޮރުތައް ރަނގަޅަށް ލައްޕާފައި ބޭރަށް ދިއުމަށާއި ދޮރުތައް ރަނގަޅަށް ތަޅުލައިފައި ބެހެއްޓުމަށް މިހާރަށް ވުރެ ބޮޑަށް އެބަޖެހޭ ސަމާލުވާން،" ހަނީފު ވިދާޅުވި އެވެ.

ވައްކަމުގެ މައްސަލަތައް މިދުވަސްވަރު އިތުރުވަމުން ގެންދާ މައްސަލަ ހައްލުކުުރުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެގޮތުން ކުރިއަށް ވުރެ ބޮޑަށް މާލެ ތެރެެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.