ބަހުރޭންގެ ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސްގެ މަގާމަށް މިއަދު އިންތިހާބުކޮށްފި އެވެ.

ސަލްމާން އޭއެފްސީގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ މެލޭޝިއާގެ ކުއަލަ ލަމްޕޫރްގައި މިއަދު ކުރިއަށް ދިޔަ އެ އިދާރާގެ އާދަޔާހިލާފު ކޮންގްރެސްގައި ވޯޓްލެވޭ 46 މެންބަރުންގެ ތެރެއިން، ރައީސް ކަމަށް ސަލްމާނާ ވަދަކުރި ޔޫއޭއީގެ ޔޫސުފް އަލް ސެރްކާލާ އާއި ތައިލޭންޑްގެ ވޮރާވީ މަކޫޑީއާ ވާދަކޮށް 33 ވޯޓުން ކުރި ހޯދައިގެންނެވެ.

އޭއެފްސީގެ ރައީސް ކަމުގެ މަގާމަށް ސަލްމާން މިއަދު އިންތިހާބު ކުރުމުގެ އިތުރުން އޭނަ ވަނީ ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައިދާރާ (ފީފާ)ގެ އެގްޒެކެޓިވް ކޮމެޓީގެ ގޮނޑިއަށް ވެސް އިންތިހާބުކޮށްފަ އެވެ. އެ ގޮނޑިއަށް ސަލްމާންގެ އިތުރުން ދެން ވާދަކޮށްފައި ވަނީ ގަތަރުގެ ހަސަން އަލް ތަވާދީ އެވެ.

ސަލްމާން އޭއެފްސީގެ ރައީސް ކަމުގެ މަގާމަށް މިއަދު އިންތިހާބު ކުރެއްވިއިރު، މީގެ ކުރިން އެ އިދާރާގެ ރައީސް ކަމުގައި ހުންނެވީ ގަތަރު މުހައްމަދު ބިން ހައްމާމް އެވެ. ނަމަވެސް ފީފާއިން މީގެ ދުވަސްކޮޅެއްގެ ކުރިން ހަމްމާމް ސަސްޕެންޑްކޮސްފައި ވުމުން އޭނަ ވަނީ މަގާމުން ވަކިވެވަޑިގެންފަ އެވެ. އެހެން ކަމުން ވަގުތީ ގޮތުން އެއިދާރާގެ ރައީސްކަން ކޮށްފައި ވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޗައިނާގެ ޒޭންގް ޖިލޯންއެވެ.

ހަމްމާމް އޭއެފްސީގެ ރައީސް ކަމުން އޭރު ސަސްޕެންޑްކުރީ 2011 ވަނަ އަހަރު އޮތް ފީފާ އިންތިހާބުގައި އޭނައާ ބެހޭގޮތުން ތަފާތު ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވިގެންނެވެ. އެހެން ކަމުން މީޑިއާތަކުގައި އޭރު ތަފާތު ގޮތްގޮތައް ހަމްމާމްއާ ބެހޭ އަޑުތައް ފެތުރުނެވެ.