02 May 2013, 13:13
ސަރުކާރުގެ ބައެއް އިދާރާތްތަކާއި މިނިވަން މުއައްސަސާތަކުން އޮޑިޓްކުރުމަށް އެއްބާރުލުން ނުދިން ނަމަވެސް އެ އޮޑިޓް ރިޕޯޓްތައް ވެސް ގާނޫނުގައިވާ ގޮތަށް މިމަމަހުގެ ނިޔަލަށް ނެރޭނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި މިދިޔަ އަހަރު ދައުލަތުގެ މުއައައްސާސާތަކާއި މިނިވަން މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތައް މިމަހުގެ ނިޔަލަށް އާންމު ކުރަން ޖެހޭއިރު އޮޑިޓް އޮފީހުން އެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ބައެއް މުއައްސަސާތަކުން އޮޑިޓް އޮފީހަށް އެއްބާރުލުން ނުދޭ ކަމަށެވެ. ނަމަވެސް ލިބޭ މައުލޫމާތްތަކުގެ މައްޗަށް ބިނާކޮށް މިމަހުގެ ނިޔަލަށް އޮޑިޓް ރިޕޯޓްތައް ނިންމާ ނެރޭނެ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
"އޮޑިޓް އޮފީހުން އޮޑިޓެއް ކުރައްވާއިރު އެ ބަބޭނުންވޭ ވަރަށް ގިނަ މައުލޫމާތްތައް އެމައުލޫމާތްތައް ދިނުމަށް ބައެއް އިދާރާތަކުގައި އަޅުގަނޑުމެން އެދުމުން އެއިދާރާތަކުން އެބަބުނޭ ހުރިހާ ލިޔެކިޔުމަކަށް ލިޔުމުން އެދޭށޭ، ނަމަވެސް ގަބޫލްކުރަންޖެހޭ ހަގީގަތަކީ ކޮންމެ މައުލޫމާތެއް ލިޔުމުން އެދެން ޖެހުމަކީ ވަރަށް ދަތި ކަމެއްކަން، އަނެއްކޮޅު ވަރަށް އެއްބާރުލުން ކުޑަ މުއައްސަސާތައް ވެސް އެބައުޅޭ" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އެއްބާރުލުން ނުދެނީ ކޮން އިދާރާތަކުންތޯ ސުވާލުކުރުމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ އެއީ ކޮން އިދާރާތަކެއްކަމެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްތައް ނެރޭއިރު އެއްބާރުލުން ނުދޭ އިދާރާތަކުން ނުދޭ މައުލޫމާތްތައް އެނގޭނެހެން ލިޔެފަ ހުންނާނެ ކަމަށް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހަށް ސަރުކާރުގެ އިދާރާތަކުން އެއް ބާރުލުން ނުދޭ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފަިއވާއިރު މިހާތަނަށް އޮޑިޓާ ޖަނެރަލް ނެރެފައިވާ ގިނަ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު ބޮޑެތި ހިޔާނާތްތަކެއް ވަނީ ފެންމަތިކޮށްފަ އެވެ.