02 May 2013, 12:44
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދަން ހަތަރު ކުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިސްލާމިކް މިނިސްޓްރީން އަލުން އިވެލުއޭޓްކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން އެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ހައްޖަށް ހުއްދަ ނުލިބުނީ ހަތަރު ކުންފުނި އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ހައި ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ސުއޫދު، އަންވަރު އެންޑް ކޯ އިންނެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނު ސުއޫދު ވިދާޅުވީ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައި ވާނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ހައްޖު ހުއްދަ ނުލިބުނު ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމަށެވެ.
ސުއޫދު ވިދާޅުވީ އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށާއި ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފެށޭނެ ދުވަހެއް އަދި ހާމަ ނުކުރާ ކަމަށެވެ.
ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯޒަލްތައް އިސްލާމިކް މިނިސްޓްރީން އިވެލުއޭޓް ނުކުރީ އެ ލިޔުންތައް ހިފައިގެން ދިޔަ މީހާއަކީ އެ ކުންފުންޏެއްގެ މީހެއްކަން އަންގައިދޭ ލިޔުމެއް ނެތީމަ އެވެ. އެ ޕްރޮޕޯސަލްތައް މިނިސްޓްރީއަށް ބަލައިގަތުމަށްފަހު ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރަން ނިންމި އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށް ބުނެ ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނަނީ ވަކިގޮތަކަށް ކަންތައް ކުރުމަށް އުސޫލުތަކެއް ކަނޑައަޅާފައި ވަނިކޮށް އެއާ ޚިލާފަށް އަމަލުކޮށްފިނަމަ އެ ކަމެއް ވެގެންދާނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށެވެ.
ހައްޖަށް މީހުން ގެންދިޔުމުގައި އަމަލުކުރަންވީ އުސޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލްތައް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީއަށް މީހުން ފޮނުވާއިރު އެމީހަކީ އެ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އަންގައިދޭ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު އޮންނަންވާނެ ކަމަށެވެ.