މަގުމަތިން ހިނގާފައި ދިޔަ މީހަކަށް ބިރުދައްކައި ގަދަކަމުން ގެއަކަށް ވައްދައި މީހެއްގެ ބަރަހާނާ ވީޑިއޯކުރުމަށް ފަހު، އެ މީހާ ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލި މީހެއްގެ މައްސަލަ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި، ކ. މއ. ޒެނާނާ، އަހުމަދު ނަސީމް، 30،ގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހު 2 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅީ މިދިޔަ އަހަރުގެ އެޮގަސްޓް 22 ވަނަ ދުވަހު ރޭގެ ވަގުތެއްގައި މަގުމަތިން ހިނގާފައި ދިޔަ މީހަކު ގަދަކަމުން ގެއަކަށް ވައްދައި އޭނާ ލައިގެން ހުރި އަންނައުނު ބޭލުމަށް ފަހު ވީޑިއޯ ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެމީހާގެ ބަރަހާނާ ވީޑިއޯ ކުރުމަށް ފަހު ފައިސާ ދިނުމަށް ބުނެ އޭނާ އަށް އިންޒާރުދީ ބިރުދައްކައިގެން އެމީހާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއަކުން 5000 ރުފިޔާ ނަގާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.