ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އެ ދެ ކުދިން މެރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުދިން ދައުވާ އަށް އިންކާރު ކުރި ނަމަވެސް ހެކީންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ގަރީނާތަކުން އެދެ ކުދިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށެވެ.

އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން ވަނަ ކުށްޖާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ތިން ވަނަ ކުއްޖާގެ މައްޗަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު މުހީތަށް ވަޅިން ހަމަލާދިނުމުގައި އެކުއްޖާ ބައިވެރިވި ކަމަށް އެކަކު ހެކިބަސް ދީފައިވާއިރު އިތުރު އެއްވެސް ހެއްކަކު އެ ކުއްޖާ އެކަމުގައި ބައިވެރިވި ކަމަށް ބުނެފައި ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ތިން ކުދިންނަށް ވެސް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކި ގަރީނާ ތަކުގެ ތެރޭގައި ހިމެނޭ ސީސީޓީވީ ފްޓޭޖްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގެ އެންޓްރެސް ޕޯޓިކޯ ކައުންޓަރުގެ ސީސީޓީވީ ފްޓޭޖުން ނެގިފައިވާ ކްލިޕްތަކުން ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ ދެ ކުދިން އެ ހާދިސާ ހިނގި ގަނޑީގެ ފަހުގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ތެރޭގައި އެ ކަމުގައި ބައިވެރިވިކަމަށް ބެލެވޭ އެހެން މީހުންނާ އެކު ހަރަކާތްތެރިވާ މަންޒަރު ފެންނަން ހުރި ކަމަށެވެ.

އަދި އެ ދެކުދިން ބޭނުންކުރި މޯބައިލް ނަންބަރުތަކުގެ އިންޓަސެޕްޓަޑް ކޯލްތަކުގެ ވޮއިސް ރެކޮގްނިޝަން އެނަލިސިސް ސައިބާ ސެކިއުރިޓީ މެލޭޝިޔާ އިން ހެދުމަށްފަހު ތައްޔާރުކޮށްފައިވާ ކޭސް ރިޕޯޓުގެ ފަސް ވަނަ ޕޮއިންޓްގައި އަޑުދިމާވެފައިވާ މީހުންގެ ތެރޭގައި އެ ދެކުދިން ހިމެނޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ކޯލްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެ ވާހަކަތަކަކީ އެ އަމަލުގައި ބައިވެރިނުވާ މީހަކަށް އެނގޭނެ މައުލޫމާތުތަކެއް ނޫންކަމަށް ޝަރީއަތަށް ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

"....މި ދެކުދިން ކުރިކަމަށް ސާބިތުވާ އަމަލާއި ނުކުމެފައިވާ ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައި އޮތުމުން ކުށުގެ މާއްދީ ރުކުން ފުރިހަމަވެފައި ވާތީ އާއި ކުށުގެ މައުނަވީ ރުކުން ފުރިހަމަވެފައި ވޭތޯ ބެލިއިރު މިދެކުދިން މުޅި ދައުވާގެ އަސްލަށް އިންކާރުކޮށްފައިވުމުން މި ދެ ކުދިންގެ ނިޔާތާ މެދު އެއްޗެއް ބުނެވެން ނެތްކަމާއި ނިޔަތަކީ ފޮރުވިފައިވާ އެއްޗެއް ކަމަށްވުމާއި ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށް ވާއިރު މި ދެ ކުދިން ބައިވެރިވެގެން އަބްދުލް މުހީތަށް ހަމަލާދޭން ބޭނުންކުރި އެއްޗަކީ ތޫނުހަތިޔާރެއް ކަމަށް ވުމާއި މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން ހަމަލާދީފައިވާ ކަމަށް ވާނަމަ އެ ހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަކަމަށް އިލްމުވެރިން ބުނެފައި ވުމާއި މިހާލަތުގައި އެހެންގޮތަކަށް ސާބިތު ނުވާހާ ހިނދަކު މަރާލުމުގެ ގަސްދު އޮތްކަމަށް ބަލަންޖެހޭތީ އާއި މި ދެ ކުދިން އެހެން ބަޔަކާ ބައިވެރިވެގެން ގ. ވޭރު މާލެ އަބްދުލް މުހީތަށް ހަމަލާދީފައި ވަނީ ރުޅިވެރިކަމެއް އޮވެގެން ހަމަލާދިނުމަށް ރާވައިގެންކަން ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކުންނާއި ގަރީނާތަކުން ސާބިތުވެފައި ވުމުން އަބްދުލް މުހީތަށް ހަމަލާދީ މަރާލާފައި ވަނީ މި ދެކުދިން ބާލިޣުވެ ބުއްދި ސަލާމަތުން ވާ ހާލު އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި ގަސްދު އޮވެގެންކަން ޝަރީއަތަށް ސާބިތުވާތީ މި ދެ ކުދިންގެ މައްޗަށް ދައުލަތުން ކުޅަ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ހެކީންގެ ހެކި ބަހުންނާއި ޝަރިއަތަށް ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ގަރީނާތަކުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ތޫނުހަތިޔާރުން މީހުންނަށް ހަމަލާދިނުމަކީ އިސްލާމީ ޝަރީއަތުގައި ޖިނާއަތުގެ ތެރޭގައި ހިމެނޭ އަދި ޝަރީއަތުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކުށެއް ކަމަށް ވުމާއި ހަމައެހެންމެ ޝަރުއީ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށް ގާނޫނުން އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވުމާއި މިފަދަ ކުށުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބުކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާން ވެގެން ވާތީ އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މަރާލި މީހެއްގެ އަދަބަކީ މަރުވި މީހާގެ ވާރިސުންގެ ތެރެއިން އެކަކު ވެސް އެކަމަށް އިއުތިރާޒު ނުކުރާނަމަ ގާތިލްގެ ކިބައިން ގިސޯސް ހިފުން އެބަހީ މަރަށް މަރު ހިފުން ކަމާއި ގ. ވޭރު މާލެ އަބްދުލް މުހީތުގެ ވާރިސުންގެ ގޮތުގައި ހިމެނޭ 26 ވާރިސުން ވެސް ބޭނުން ވަނީ އަބްދުލް މުހީތު މަރާލި ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް އެމީހުން ޝަރީއަތުގައި ބުނެފައި ވުމާ އެކު އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މި ދެ ކުދިންނަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވުމުން މި ދެ ކުދިން މެރުމަށް ހުކުމްކޮށް މި މައްސަލަ ނިންމީމެވެ،" ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.