24 Oct 2010, 07:09
ރޭ އިރާކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ ހާލު ސީރިއަސްވެފައިވާ ދެ މީހުންގެ ތެރެއިން ހ. ހާއިލް ހަސަން އާމިރު 23، އަށް އަވަސް ފަރުވާ ދިނުމަށް މިއަދު ރާއްޖޭން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
"އޭނާ ފުރުވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ އާއިލާއިން، އެކްސިޑެންޓްވި ދެ މީހުންގެ ހާލު ވެސް ވަރަށް ސީރިއަސް،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
މި އެކްސިޑެންޓާ ބެހޭ ގޮތުން މައުލުމާތު ހޯދަން މިއަދު ގުޅުމުން އައިޖީއެމްއެޗުން ބުނީ "މައުލޫމާތު ދޭ ގޮތަށް މިހާރު ހަމަޖެހިފައި ނޯންނަ" ކަމަށެވެ. އަދި "އާއިލާއިން ވެސް އެ މައުލޫމާތު ދޭން ބޭނުން ނުވާ" ކަމަށެވެ. އެ ޖަވާބު ދިން ކަމުގައި ވިޔަސް ރޭގެ އެކްސިޑެންޓްގައި ޒަހަމްވި އަންހެން ކުއްޖާ، ށ. ފުނަދޫ އަޝްރަފީގޭ ޝާހީނާ ހަސަންގެ އާއިލާގެ މީހަކު ހޮސްޕިޓަލަށް އަދި ރިޕޯޓު ކޮށްފައި ނުވާ ކަމަށް ބުންޏެވެ.
"ފިރިހެން ކުއްޖާގެ އާއިލާއިން އޮތީ މައުލޫމާތު ނުދޭން އަންގާފައި. އަންހެން ކުއްޖާގެ ރިލޭޓިވުން ނާންނާތީ އޭނާގެ މައުލޫމާތު ފޯމުވެސް އަދި ނުފުރާ، އެ މައުލޫމާތުތައް ދޭ ގޮތަކަށް ނޫން އޮންނަނީ ވެސް،" ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.
ނަމަވެސް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން މިއަދު ވިދާޅުވީ އެކްސިޑެންޓްގައި އާމިރުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް މޫނު މައްޗަށާއި ކަނދުރާއަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އާމިރާއެކު އެކްސިޑެންޓްގައި ޒަހަމްވި ޝާހީނާ 20، އޮތީ ކޯމާއެއްގައި ކަމަށެވެ.
ޝާހީނާގެ ކަނދުރާއަށް ތޫނު އެއްޗެއް ހެރި، ސިކުނޑިއަށް ލޭއަރާ އިތުރު އަނިޔާތައް ވަނީ ލިބިފަ އެވެ. އާމިރުގެ ނިތްކުރީގެ ކަށިގަނޑު ބިނދި، ސިކުނޑިއަށް ލޭއަރާ އިތުރު އަނިޔާތަކެއް ލިބުމުގެ ސަބަބުން ހާލު ވަނީ ކަންބޮޑުވާ ހާލަތުގައެވެ. އެކްސިޑެންޓްވީ އިރު މި ދެ މީހުން ތިބީ ދެ ސައިކަލެއްގަ އެވެ.
"ދެ މީހުންގެ ހާލު ވަރަށް ސިރިއަސް،" އައިޖީއެމްއެޗުގެ އޮފިޝަލު ވިދާޅުވި އެވެ. "ފިރިހެން ކުއްޖާ މިއަދު 3:00 ޖަހާއިރު އަވަސް ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަން އާއިލާއިން ދަނީ މަސައްކަތް ކުރަމުން. އޭނާ ބޭރަށް ގެންދިއުމަށް ޑޮކްޓަރު ވަނީ ރޭ ލަފާ ދެއްވާފައި،" އޮފިޝަލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރޭ ސީޓީ ސްކޭން ހެއްދުމަށް ފަހު އާމިރުއަށް ފަރުވާ ދެމުން ދަނީ ނޭވާލައްވާ ނިޒާމުގެ އެހީގައެވެ. އޭނާ ހޭ އަރާފައި ވަނީ ހެނދުނު ކަމަށެވެ.
އާމިރު މިވަގުތު އޮތީ އިމަޖެންސީ ރޫމުގަ އެވެ. ޝާހީނާ އޮތީ އައިސީޔޫގައި ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ދުއްވާފައިގޮސް ކޮއިމަލާހިނގުމަށް އަޅަން އުޅުނު ދެ މީހުންތިބި ސައިކަލެއްގައި ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެކަކު އިން ސައިކަލަކުން ޖެހިގެނެވެ. އަދި ހުޅަނގުން އިރަށް ދުއްވި ސައިކަލު އެކްސިޑެންޓްވެ ކޮންޓްރޯލުން ނެއްޓިގެން ގޮސް ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި އޮތް ކާރެއްގައިޖެހި އިތުރަށް އެކްސިޑެންޓްވެ ސައިކަލު ދުއްވަން އިން މީހާ ކާރުގެ ދަށުވެގެނެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.