02 May 2013, 11:08
އިސްލާމް ދީނުގެ މައުލޫމާތު އާންމުނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އިސްލާމިކްފެއާ މާދާމާ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެކި ބުކްޝޮޕްތަކުންނާއި ޖަމިއްޔާތަކުން ބައިވެރިވާ އެ ފެއާ ކުރިއަށްދާނީ މާދައިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަޒުކަޒުގައި ބާއްވަން ހަމަޖައްސާފައިވާ އެ ފެއާގައި ކުޑަކުދިންގެ ސްޓޯލްތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށްދާއިރު ދީނީ ގިނަ ފޮތްތަކެއް އެ ފެއާއިން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ދީނީ މައުލޫމަތާއި އެ ވުޒާރާގެ އެކި ހަރަކާތަކާ ބެހޭ މައުލޫމާތު ފަސޭހައިން އާންމުނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަ ކޮށްފަ އެވެ.
އެގޮތުން އަންހެނުނަށް ހާއްސަކޮށްގެން ކައުންސިލިން ޕްރޮގުރާމެއް އެ ފެއާގައި ހިންގަން ހަމަޖެހިފައިވާ އިރު އިސްލާމިކް ފައިނޭންސް އާ ބެހޭ މައުލޫމާތު ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.