02 May 2013, 11:05
ގައުމީ ހަރާކަތުން ރޭ ބޭއްވި މުޒާހަރާ ނިންމާލުމުގެ ކުރިން އާޓްފިޝަލް ބީޗުގައި ދުޣާ ކުރަން ތިބި ބައެއްގެ ވޮލެޓުތަކެއް ފޭރިގަނެގެން ފިލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކުރީގެ ރައީސް ނަޝީދާ ދެކޮޅަށް ގައުމީ ހަރާކާތުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ނިންމާލުމަށް ދުޣާ ކުރަން ތިބި ދެ މީހެއްގެ ވޮލެޓް ވީނުވީއެއް ނޭނގި ގެއްލުނެވެ. އެއްވުމުގެ ތެރޭގައި ވޮލެޓެއް ފޭރިގަނެގެން ފިލަން އުޅުނު މީހެއްގެ އަތުން ގެއްލިގެން އުޅޭ ދެ ވޮލެޓު ވެސް ފެނުނެވެ. އެ ހިސާބުން މައްސަލަ ހޫނުވެ، އެ މީހާއަކީ "ވޮލެޓް ވަގެއް" ކަމަށް ބުނެ ބައެއް މީހުން އޭނާގެ ގައިގައި ތަޅައިގަނެ މާރާމާރީ ވެސް ހިންގި އެވެ.
އެންމެ ފަހުން ފުލުހުން އައިސް އެ މީހާ ހައްޔަރުކޮށްގެން ގެންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ 11:45 އެހާކަންހާއިރު އާޓްފިޝަލް ބީޗުގައި ތިބި ބައެއްގެ ޖީބުން ވޮލެޓްތަކެއް ވަގަށް ނެގި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ ރެޔެކޭ ވެސް އެއްގޮތަށް އެހެން ރޭތަކުގައި ވެސް މުޒާހަރާއަށް އަންނަ ބައެއް މީހުންގެ ވޮލެޓް ގެއްލިގެން އެ ސަރަހައްދު ހޯދާ ކަމަށެވެ. ޖީބުގައި އޮންނަ ވޮލެޓް ވަގަށް ނަގަނީ ކަމެއް ނޫނީ ގެއްލެނީ ކަމަށް ނޭނގިގެންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިއެއްގެ ވޮލެޓު ފޭރިގަތް މީހެއްގެ އަތުން ވޮލެޓްތަކެއް ފެނުމުން އެކަމަކީ އޭނާ ކުރާ ކަމެއް ކަމަށް ތުހުމަތު ކުރެ އެވެ.
ރައީސް ނަޝީދު ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި އިސްލާމް ދީނާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅާ ދެކޮޅަށް ގައުމީ ހަރަކާތުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި މާލޭގެ މަގުތަކުގައި ރޭ ކުރިއަށް ގެންދިޔަ އިރު، ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ. ފުލުހުން ވަނީ އެ ކަންތައްގަނޑު ބޮޑުވުމުގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.