02 May 2013, 10:29
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިދުމަތުގެ ފީ އަކާއި ނުލާ ފައިސާ ޑެބިޓް ކާޑް ހައްދައިދިނުމުގެ ޕުރޮމޯޝަނެއް ފަށައިފި އެވެ.
އެ ބޭންކުގެ އޮފިސާ ސޭލުސް އެންޑް މާކެޓިން މުހައްމަދު ޝަފައު ހަސަން މިއަދު ވިދާޅުވީ މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕުރޮމޯޝަންގައި ހިދުމަތުގެ ފީއަކާ ނުލައި ފައިސާ ޑެބިޓް ކާޑް ހައްދައިދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮމޯޝަންގައި ބަިިވެރިވެވޭނީ އެ ބެންކް އިން އަލަށް އެކައުންޓް ހުޅުވާ ފަރާތްތަކަށާއި މިހާރު އެކައުންޓް ހުރި ފަރާތްތަކުގެ ތެރެއިން ކާޑް ނަހައްދާ ހުރި ފަރާތްތަކަށް ކަމަށެވެ.
"އަޅުގަނޑުމެން މި ޕުރޮމޯޝަންގެ ތެރެއިން ކަސްޓަމަރުނަށް ކާޑް ހެއްދުމަށް އެ ޕުލައި ކުރައްވާއިރު އަޅުގަނޑުމެން އެބޭފުޅުންގެ އަތަކުން ޖޮއިނިން ފީއެއް ނުނަގަން،" ޝަފައު ވިދާޅުވި އެވެ.
އެމްއައިބީ އިން ހިދުމަތުގެ ފީއަކާއި ނުލައި ކާޑް ހަދައިދިނުމުގެ ހިދުމަތް ފަށާފައިވާއިރު އެ ބެންކުން ވަނީ އެ ބޭންކުގެ އެކައުންޓެއް ހުޅުވާ އިރު ނުވަތަ މިހާރު އެއުންޓް ހުޅުވާފައިވާ ފަރާތްތަކުން ވެސް ކޭޝް ކާޑަށް އެދޭ ވަގުތު އެ ކާޑް ލިބޭނެ ހިދުމަތެއް ވެސް ފަށާފަ އެވެ. އަދި ކުރިން ދޫކުރާ ކާޑުތަކާ އެ ކާޑާއި ހަމައެކަނި ހުންނާނެ ތަފާތަކީ އެކާޑްގައި ކަސްޓަމަރުގެ ނަން ނުހުންނާނެ ކަން އެކަނިކަމަށް އެ ބެންކް އިން ބުންޏެވެ.