ނިއުދިއްލީ (މޭ 2): އިންޑިޔާގެ އުތުރަށް އިއްޔެ އައި ބިންހެލުމުގައި ދެ މީހަކު މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ރެކްޓަރު މިންގަނޑުން 5.8ގެ ބާރުމިނުގައި އިއްޔެ އައި މި މިބިންހެލުމުގެ ލޮޅުންތައް އެންމެ ބޮޑަށް އަރާފައި ވަނީ ޖަންމޫ ކަޝްމީރާއި ހިމާޗަލް ޕްރަދޭޝް އަށް ކަމަށް ޚަބަރު ލިބެ އެވެ. އަދި މިބިންހެލުމުގެ އަސަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ރައްޔިތުން ވެސް އިޙްސާސް ކުރިކަމަށް އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

މި ބިންހެލުމުގެ މަރުކަޒު ވަނީ ދިއްލީގެ އުތުރުން 450 ކިލޯ މީޓަރުގެ ދުރުގައިވާ ހިސާބެއްގައި ކަމަށާއި ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދުގެ ބިމުގެ 10 ކިލޯ މީޓަރު ފުނަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ މަރުކަޒުން ބުނެ އެވެ. މިއީ އިންޑިޔާގެ އުތުރުގެ ދެ ސްޓޭޓް ކަމަށްވާ ކަޝްމީރަށާއި ހިމާޗަލް ޕްރަދޭޝް ގުޅުނު ހިސާބު ކަމަށްވެ އެވެ.

އިންޑިޔާގެ ކަމާ ބެހޭ ދާއިރާތަކުން ބުނާ ގޮތުން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އައި މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ޖަންމޫ ކަޝްމީރުގެ ކިޝްވާރު އަދި ދޯދޯ މިދެސަރަހައްދަށެވެ. މިބިންހެލުމުގެ ސަބަބުން ޒަޚަމްވި ކަމަށް ރިޕޯޓް ކުރެވިފައިވާ 70 މީހުންގެ ތެރެއިން 32 މީހުންނަކީ ކިޔަވާކުދިން ކަމަށާމި ބިންހެލުމުގެ ސަބަބުން ޖަންމޫ ކަޝްމީރަށާއި ހިމާޗަލް ޕްރަދޭޝް ބައެއް ޢިމާރާތްތަކުގައި ރެނދުލައި މާއްދީ ގެއްލުންތަކެއް ވެސް ލިބިފައިވާ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.

އިންޑިޔާގެ އުތުރަށް އިއްޔެ ބިންހެލުން އައިސްފައި މިވަނީ އެގައުމުގެ އަވަށްޓެރި ޕާކިސްތާނާއި އީރާން ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރިއަށް މީގެ ދެހަފްތާ ކުރިން 5.7ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވަނިކޮށެވެ. އަދި މިހަފްތާގެ ކުރީކޮޅު އަފްޣާނިސްތާނަށް ވެސް ބިންހެލުމެއް އައިސްފައިވެ އެވެ. (ނޫސްއެޖެންސީތައް)