ޕެރިސް (މޭ 2): މިއަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތްގެ އެންމެ އިސްވެރިންގެ ސަމިޓް ބައްދަލުވުން އެ ގައުމުގައި ނުބޭއްވުމަށް އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ "އެމްނެސްޓީ އިންޓަނޭޝަނަލް" އިން ކޮމަންވެލްތަށް ގޮވާލައިފި އެވެ.

ސްރީލަންކާގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އެމްނެސްޓީން ނެރެފައިވާ "ސްރީލަންކާސް އެސޯލްޓްސް އެންޑް ޑިސިޑެންޓްސް" ރިޕޯޓަށް އަލިއަޅުއްވާލައްވަމުން، އެމްނެސްޓީ އިންޓަނޭޝަނަލްގެ އޭޝިޔާ ޕެސިފިކް ޑައިރެކްޓަރ ޕޮލީ ޓްރަސްކޮޓް ވިދާޅުވީ، 2009 ވަނަ އަހަރު ސްރީލަންކާގެ އަހްލީ ހަނގުރާމަ ނިމިގެންދިޔަ ދުވަސްވަރު އެގައުމުގެ ސިފައިން ތަމަޅަ ޢާންމުންގެ އިންސާނީ ހައްޤުތަކަށް އަރައިގެންފައިވާ މިންވަރު މިރިޕޯޓުން މުޅިދުނިޔެއަށް ހާމަވެފައިވާ ކަމުގަ އެވެ.

ސްރީލަންކާގެ މިހާރުގެ ސަރުކާރަކީ އެގައުމުގެ ރައްޔިތުންގެ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރާގެންފައިވާ ސަރުކާރެއް ކަމަށް ސިފަކުރައްވަމުން ޓްރަސްކޮޓް ވިދާޅުވީ އެ ސަރުކާރުގެ ބެލުމުގެ ދަށުން (ސްރީލަންކާ ސަރުކާރު ރިޔާސަތު ބަލަހައްޓާގޮތަށް) ކޮމަންވެލްތް ފަދަ ބޮޑު ޖަމާއަތެއްގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމަކީ އެމްނެސްޓީ އަށް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. އެމްނެސްޓީގެ ރިޕޯޓްގައިވާ ގޮތުން ސްރީލަންކާގެ އަހްލީ ހަނގުރާމަ ނިންމާލުމަށް ކަމަށްބުނެ އެގައުމުގެ ސިފައިން ވަނީ ތަމަޅަ ދަރިކޮޅުގެ އާންމުންގެ އެތަށް ހާސްބައެއްގެ ފުރާނައަށް ބެލުމެއްނެތި އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލުތަކެއް ހިންގާފަ އެވެ.

މިޢަމަލުތަކުގައި ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ޢާންމުންގެ އެތަށް ހާސްބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިމައްސަލަ ބަލައި ތަޙްގީގު ކުރުމުގައި އެއްބާރުލުން ދިނުމަށްވެސްސްރީލަންކާ ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް އެމްނެސްޓީގެ ރިޕޯޓް ބުނެ އެވެ. ސްރީލަންކާ ސަރުކާރުން ވަނީ އެމްނެސްޓީގެ ރިޕޯޓްގައިވާ ކަންތައްތަކަށް އިންކާރުކޮށްފަ އެވެ. އަދި ހަނގުރާމައިގެ ތެރޭގައި އާންމުންގެ ބައެއްގެ ފުރާނަ ގޮސްފައިވާ ނަމަ އެއީ ގަސްދުގައި ހިންގާފައިވާ ޢަމަލެއްނޫން ކަމަށާ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތަމަޅަ ޓައިގަރު ހަނގުރާމަވެރިން ކަމަށާ ޓައިގަރުން ބަލިކޮށްލުމަށް 2009 ގައި ހިންގި އެންމެފަހުގެ ޢަސްކަރީ އޮޕަރޭޝަންތައް ނުހިންގައި ލަސްކުރިނަމަ އަހްލީ ހަނގުރާމަ އިތުރަށް ދިގުލައި ޢާންމުން އިތުރަށް މަރުވެގެންދިޔުމުގެ ފުރްސަތު މާބޮޑު ވީސް ކަމަށް ވެސް ސްރީލަންކާ ސަރުކާރުން ބުނެ އެވެ. އަދި އެމްނެސްޓީގެ ގޮވާލުމަކީ އިންސާފުވެރި ގޮވާލުމެއްނޫން ކަމަށްބުނެ އެ ގޮވާލުމަށް އިޖާބަ ނުދިނުމަށް ވެސް ސްރީލަންކާގެ ޚާރިޖިއްޔާއިން ވަނީ ކޮމަންވެލްތްގެ މެމްބަރު ޤައުމުތަކަށް ގޮވާލާފަ އެވެ.

އަނެއްކޮޅުން ކޮމަންވެލްތުގެ ގައުމެއް ކަމަށްވާ ކެނެޑާއިން ވަނީ ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުކިޔުމަށް ފަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓްގައި ކެނެޑާގެ އިސްވެރިން ބައިވެރިނުވާނެކަން ހާމަކޮށްފަ އެވެ. ކެނެޑާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެމާ ވެލްފަޑް ވިދާޅުވީ، ސްރީލަންކާގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ވަރަށް ގޯސްކަމަށާ އެހެންކަމުން ކޮމަންވެލެތް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވުމަށް ކެނެޑާ ސަރުކާރުން ފަސްޖެހޭނެ ކަމުގަ އެވެ. ނަމަވެސް ސްރީލަންކާގައި ބާއްވާ މިސަމިޓް އިންސާނީ ހައްގުތަކުގެ ނަމުގައި ކެނެޑާއިން ބޮއިކަޓްކުރާނެ ކަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކެނެޑާއަކީ އިންސާނީ ހައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅޭކަމަށް ތުހުމަތުކުރެވިފައިވާ ގައުމެކެވެ. މިގޮތުން އިންސާނީ ހައްގުތަކަށް އިޙްތިރާމް ނުކުރާކަމަށް ބުނެ ކެނެޑާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރު ކެނެޑާ ގެންދަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކަށް ހިއްވަރުދެމުންނެވެ. އަދި އަފްޣާނިސްތާނާއި ޢިރާގު ހަނގުރާމައިގާ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ ބޮޑެތި ގައުމުތަކުން ޢާންމުންގެ އެތައް ލައްކަ ބަޔަކު މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާއިރު ކެނެޑާއަކީ މިދެގައުމަށް ހިއްވަރުދޭ ގައުމެކެވެ.

އަދި ޢިރާޤުގެ އަބޫޣުރައިބު ޖަލުގައާއި އެމެރިކާ އިން ދުނިޔޭގައި ހިންގި ސިއްރު ޖަލުތަކުގައާ އަދި އަނިޔާވެރި ކަމަށް މަޝްހޫރު އެމެރިކާގެ ގުއަންޓެނާމޯ ޖަލުގައި މުސްލިމް އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ އަދި ހިންގަމުން ގެންދާ އިންސާނީ ހައްޤުތަކާ ޚިލާފު އަނިޔާވެރި އަމަލުތަކަށް ކެނެޑާވަނީ ލޯމަރާލައި އެމެރިކާގެ އިންސާނީ ހައްޤުތަކުގެ ރެކޯޑަށް ފާޑުކިޔުމުގައި ފަސްޖެހިފަ އެވެ. (ނޫސްއެޖެންސީތައް)