ފެހި ގާނޫނު އަސާސީގެ ދަށުން މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން އުފައްދާފައި ޕާޓީތަކުގެ ބެލެނެވެރިއެއްގެ ގޮތުގަ އެވެ. އެ ޕާޓީތައް ޒިންމާދާރު ކުރުވުމުގެ ބޮޑު ރޯލެއް އަދާ ކުރުމުގެ ޒިންމާ އޮތީ އެ ކޮމިޝަންގަ އެވެ. ޕާޓީތަކުގެ ތެރެއިން މަކަރާއި ހިލަތާއި އޮޅުވާލުމަށް ފަސާދައަށް ޖާގަ ނުދިނުމަށެވެ. ނުފޫޒެއް ނެތި އިންތިހާބުތައް މިނިވަންކަމާ އެކު ކުރިއަށް ގެންދިޔުމަށް ޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރާތަނަކީ ވެސް އެ ކޮމިޝަނެވެ. ނަމަވެސް ބައެއް ފަހުން މަގުން ކައްސާލައި ކަސިޔާރު ވެގެންދާތަން ވެސް އެބަ ފެނެ އެވެ. އެފަދަ މައްސަލައަކަށް ބަލާލާނެމެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު އެ ކޯޓުން ނެރުނު ވަގުތީ އަމުރަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމްތައް ބަލައިނުގަތުމަށެވެ. ނަމަވެސް އެ ނިންމުން އެހެން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީތަކަށް ސޮއިކުރެއްވުމުން އެ މެންބަރުންގެ ފޯމްތައް ބަލައިގަނެ ޕާޓީގައި ރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ 10،000 މެންބަރުން ހަމަނުވާ ޕާޓީތައް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ. ނަމަވެސް އެ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާއި އެމްޑީއޭގެ ފަރާތުން 10،000 މެންބަރުން ހަމަވާވަރަށް ފޯމްތައް ހުށަހެޅުމުން އެ ފޯމްތައް ވެސް ބަލައިގެންފައި ނުވެ އެވެ. ނަމަވެސް އެ ކޮމިޝަނުން ނިންމާފައި ވަނީ އެއީ އުވާލެވިފައިވާ ދެ ޕާޓީ ކަމަށެވެ.

މައްސަލަ އެހާހިސާބަށް ގޮސްފައި ވަނިކޮށް 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހިމަނާފައިވާ މާއްދާ ބާތިލު ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެއާ އެކު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ އެއްވެސް ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި އަދި އެފަދަ ޕާޓީއެއް އުވިއްޖެ ކަމަށް ނުބެލުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ނެރުނު ފަހުން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމްތައް ބަލައި ނުގަތުމަށް ނިންމާފަ އެވެ. ނަމަވެސް އޭގެ ފަހުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޕާޓީ ބަދަލުކުރެއްވުމުން އެ ކޮމިޝަނުން ވަނީ އެ ދެ ބޭފުޅުންގެ ފޯމް ބަލައިގަނެ އެ ދެ ބޭފުޅުންގެ ޕާޓީ ބަދަލުވެއްޖެ ކަން ރަސްމީކޮށް މަޖިލީހަށް އަންގާފަ އެވެ. މިއީ ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށް ކުރިކަމެކެވެ. މިފަދަ ކަމެއް ކުރި އިރު އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ހިއްސާކޮށްފައެއް ނުވެ އެވެ.

މިކަން ހިނގާފައިވާ ކަން މީޑިއާތަކަށް އެނގިގެން އެ ކޮމިޝަނަށް ގުޅާލުމުން ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މަޖިލީހުގެ މެންބަރުން ޕާޓީތަކަށް ސޮއިކުރެއްވުމުން ފޯމްތައް ބަލައިގަތުމަށް ކޮމިޝަނުން ފާސްކޮށްފައި ވާތީ އެގޮތަށް އަމަލުކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކޮށްފައި ވަނީ ކޮން ގާނޫނަކުން ކޮން ގަވާއިދަކުން ބާރުލިބިގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ވިދާޅެއް ނުވެ އެވެ. ހަމަގާއިމު ވެސް ގާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުން އެފަދަ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވެ އެވެ.

އެމްޑީއޭގެ އިންތިގާލީ ނާއިބް ލީޑަރު އަހްމަދު އާމިރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ އެ އަމަލަކީ ގަނޫނު އަސީސީގެ 17 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިގެންވާ ތާފާތު ނުކުރުމުގެ ހައްގުތަށް ލިބިދޭން ޖެހޭނެ ކަމަށް ބުނެފައި އޮންނަ އޮތުމާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް ހަދައި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ލިބިގެންވާ އިރު އެކަމުގެ ސަބަބުން އެ ޕާޓީގެ މެންބަރުންގެ ހައްގުތައް ގެއްލިފައިވެ އެވެ.

"ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ސިޔާސީ ޕާޓީތައް ހެދުމާއި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް. އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ގެންދަނީ އެ މާއްދާއާ ޚިލާފަށް. އަޅުގަނޑުމެންގެ ޕާޓީން މި ގެންދަނީ މީޑިއާ މެދުވެރިކޮށް އެކަމާ އިހްތިޖާޖު ކުރަމުން،" އާމިރު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން ކޮމިޝަނަކުން އެފަދަ ނިންމުމެއް ނިންމުން ގިނަ ބަޔަކު ހީކުރަނީ މަޖިލީސް މެންބަރުންނަށް ޚާއްސަ ގޮތަކަށް އަމަލު ކުރުމަށް ނިންމާފައި ވަނީ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުން ލިބިދީފައިވާ ބާރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ ގާނޫނުގައި އެފަދަ އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓު ވަގުތީ އަމުރުން ވެސް މެންބަރުންނާ މެދު ތަފާތު އުސޫލަކުން އަމަލު ކުރުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިދީފައެއް ނުވެ އެވެ. ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމްތައް ބަލައިގަނެ އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މަޑުޖައްސާލުމަކަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް މަގާމުދޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެހެންކަމުން މެންބަރުންނާ މެދު ތަފާތު ގޮތަކަށް އަމަލު ކުރަނީ އެބޭފުޅުން މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ތަފާތު ނުކޮށް ހަމަހަމަ އުސޫލަކުން އެންމެންނާ މެދު އަމަލު ކުރުމުގެ އުސޫލާ ޚިލާފަށް އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ މެންބަރުންގެ ފޯމްތައް ބަލައިގަނެ ޕްރޮސެސް ކުރާއިރު އެ ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައް އިންސާފުވެރިކަމާ އެކު ކޮށްފާނެ ކަމަށް ގަބޫލު ކުރުމަކީ މިހާރު ވަރަށް ދަތިކަމެކެވެ.

އެމީހަކު ހުރި ސިޔާސީ ޕާޓީން އެހެން ޕާޓީއަކަށް އެ މީހަކަށް ނޭނގި ބަދަލުވާ ވާހަކައަކާއި ދުވަހަކު ވެސް ޕާޓީއަށް ނުވަންނަ މީހުން ސިޔާސީ ޕާޓީގައި ރަޖިސްޓްރީކުރާ ވާހަކައަކީ ޒަމާނުއްސުރެ އަޅުގަނޑުމެންނަށް އަޑުއިވެމުންދާ ވާހަކައެކެވެ. މިއަދު މިފެންނަ މަންޒަރުތަކަށް ބަލާއިރު އެކަންކަމުގައި އިލެކްޝަންސް ކޮމިޝަންގެ ކޮންމެވެސް ބައިވެރިވުމެއް އޮތްކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

އެހެން ކަމާ އެކު ބޯމަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގެ އިތުބާރު ރައްޔިތުން ކުރާނީ ކިހާވަރަކަށްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.