02 May 2013, 02:02
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ހަތަރެއް ސުމެއް، އަދި ދެވަނަ ލެގުގައި ތިނެއް ސުމެއް، "އެގްރިގޭޓް ނަތީޖާ ހަތެއް ސުމަކުން" ސުޕެއިންގެ ބާސެލޮނާގެ މައްޗަށް ކުރިހޯދައިގެން ޖަރުމަނުގެ ބަޔާން މިޔުނިކު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ކުލަބުގެ އެންމެ މުހިއްމު ފޯވަޑް ލިއޮނަލް މެސީ ބެންޗުގައި ބަހައްޓައިގެން ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިޓުގައި ބަޔާން އަށް ކުރިހޯދައިދިނީ އެކުލަބުގެ ތަޖުރިބާކާރު ޑަޗް މިޑްފީލްޑަރު އާރްޔަން ރޮބޭން އެވެ. ބާސާގެ އޭރިޔާތެރެއިން އެކުލަބުގެ ޑިފެންޑަރުންގެ ބޯމަތިން ފޮނުވާލި ރީތި ހަމަލާ ގޮސްވަނީ ބާސާގެ ގޯލްގެ މަތީ ކަނަށެވެ.
ބަޔާންގެ ދެވަނަ ގޯލަކީ 72 ވަނަ މިނިޓުގައި އެކުލަބުގެ ޑިފެންޑަރު ޖެރާޑު ޕީކު އަތުން ބައިކޮޅަށް ވައިން ލަނޑެކެއެވެ. ފްރޭންކް ރިބެރީ ބާސާގެ އޭރިޔާތެރެއަށް ނަގައިދިން ހުރަހެއް ޕީކު ސާފުކޮށްލަން ވެގެން ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލުގެ މެދަށެވެ. އަދި އޭގެ ހަތަރު މިނިޓުފަހުން ފްރެންކު ރިބަރީ ނަގައިދިން ރީތި ހުރަހެއް އެހާމެ ރީތިކޮށް ބާސާގެ ގޯލަށް ވައަދާލައިގެން ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ.
މެޗު ނިމުނީ ތިނެއް ސުމަކުން ބާސާގެ މައްޗަށް ބަޔާން ކުރި ހޯދައިގެން، ޗެމްޕިއަންސް ލީގުގެ ފައިނަލު ޖަރުމަނުގެ ފައިނަލަކަށް ހަދައިގެންނެވެ. އަދި ބާސާގެ މައްޗަށް ބަޔާން ނެރުނު ނަތީޖާއަކީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ކުލަބެއް މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާވެސްމެއެވެ.
ކޭމްޕު ނޫގައި 90000 ސަޕޯޓަރުންގެ ކުރިމަތީގައި ބާސާ ކުޅުނު މެޗުގައި އެކުލަބުން ވަނީ އިދިކޮޅު ގޯލަށް 15 ހަމަލާ އުފައްދައި، 10 ހަމަލާ ގޯލަށް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ނަސީބު ދެރަކަމުން އެއިން އެންމެ ހަމަލާއެއްވެސް ބަޔާންގެ ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. ބަޔާއިން އުފެއްދި ބާސާ ކޮޅަށް އުފެއްދި އަށް ހަމަލާގެ ތެރެއިން ހަތަރު ހަމަލާ ގޯލަށް އަމާޒުކޮށް ދެހަމަލާ ކާމިޔާބު ކޮށްފައިވެއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓް މަންޑާއި ބަޔާން މިޔުނިކު ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.