ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިތުރު އެކިއެކި ފަސޭހަތަކާއި އިނާޔަތްތައް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންނާ ތާޖުއްދީން ސްކޫލްގައި މިރޭ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، އެހެނިހެން މުސްތަގިއްލު މުއައްސަސާތަކާ ހަމަހަމަ ކުރަންޖެހޭ ކަމަށާއި، އެއް މަސައްކަތަށް އެއް އުޖޫރައެއް ދިނުމަކީ، އަސާސީ ހައްގެއް ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރަތައް ހަމަހަމަ ކުރެއްވުމުގެ މަސައްކަތް ކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ހުރިހާ މުވައްޒަފުންވެސް މަސައްކަތާއި ވަގުތުގެ ބޭނުން، ވީހާވެސް ރަނގަޅަށް ހިއްޕެވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ހުސް ވަގުތުކޮޅުގެ ތެރޭގައި ނޫނީ އޮފީހުން ބޭރަށް ވަޑައިނުގަތުމަށާއި، ހާޒިރީއަށް ފަރުވާ ބެހެއްޓުމަށް ވެސް ރައީސް ވަނީ ސިވިލްސާވިސްގެ މުވައްޒަފުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ސިވިލްސާވިސް މުވައްޒަފުންނަށް މެންދުރު މިހާރު ލިބޭ ހުސްވަގުތުކޮޅު އެއް ގަޑިއިރަށް އިތުރުކުރެއްވުމަށް ނިންމަވައިފިކަން ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި، އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ވެލާނާގޭގައި ޑޭ ކެއާގެ ޚިދްމަތް ލިބިވަޑައިގަންނަވާނެ އިންތިޒާމެއް ހަމަޖައްސަވަން ގަސްދު ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސިވިލް ސާވިސް މުވައްޒަފުންނާ އެމަނިކުފާނު ބައްދަލުކޮށްލެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވައި އަދި އެމަސައްކަތުގެ އަގު، ގައުމުގެ އިސް މަގާމުގައި ހުރި މީހެއްގެ ހައިސިއްޔަތުން ވަޒަން ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާ އަދާކުރެއްވުމުގައި، އިތުރު ސަމާލުކަމެއް ދެއްވަންޖެހޭ ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފެއްގެ މަސްއޫލިއްޔަތާއި ޒިންމާ ވަރަށް ފަރުވާތެރިކަމާއެކު އުފުއްލަވައި، އެންމެންނަށްވެސް ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރެއްވުމެއްނެތި، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.