24 Oct 2010, 05:57
މަދަނީ ކޯޓުގެ މިއަދު ތާވަލް ކޮށްފައިވާ މައްސަލަތައް މިއަދު ނުބާއްވާ ގޮތަށް ހަމަޖައްސައި ޝަރީއަތްތައް މަޑު ޖައްސާލައިފި އެވެ.
ކޯޓްގެ އޮފިޝަލަކު ވިދާޅުވީ ޝަރީއަތްތައް މިއަދަށް ކެންސަލުކޮށްލެއްވީ "ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަ"ށް އަމަލު ކުރަން ފެށުމާއެކު ހިނދުން ހިނދަށް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކަމަށެވެ.
"އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ހެނދުނުއްސުރެ ބައްދަލުވުންތައް ކުރިޔަށް އެބަދޭ،" އެ އޮފިޝަލު ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫން ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން މަދަނީ ކޯޓުގެ ބައެއް ކަންކަމަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ޝަރީއަތްތައް ހުއްޓާލިއިރު ގާނޫނު ބުނާ ޖިނާއީ ކޯޓުގެ ނަން ވެސް ވަނީ މިއަދުން ފެށިގެން "ކްރިމިނަލް ކޯޓަ"ށް ބަދަލުކޮށްފަ އެވެ.