ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ ހުރިހާ މަރުގެ މައްސަލައެއް ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާއިތުވި އަހަރު މަރާލާފައިވާ މީހުންނާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާއިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް މުހައްމަދު ދާއޫދު ވިދާޅުވީ ފާއިތުވި އަހަރު ހިނގައިދިޔަ މަރުގެ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށްޓަކައި ޕީޖީއަށް ފޮނުވި މައްސަލަތަށް ޝައީއަތަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ގާނޫނީ އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އެ އަދަބު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ [މަރުގެ] ބައެއް މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެފަދަ މައްސަލަތަކުގައި ހެކި ބަސްދޭ ފަރާތްތަކުގެ ހެކި ބަސް އޮޅުވައިލައި އެ ފަރާތްތަކަށް ނުފޫޒު ފޯރުވައިގެން މައްސަލައިގެ އަސްލު ގެއްލުވާލުމަށްޓަކައި ބައެއް ފަރާތްތަކުން ކެނޑި ނޭޅި ދަނީ މަސައްކަތް ކުރަމުން. ނަމަވެސް އެފަދަ ފަރާތްތައް ހޯދައި އެމީހުންނަށް ވެސް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ދާއޫދު ވިދާޅުވި އެވެ.

ފާއިތުވި އަހަރު މަރާލި މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދ. ކުޑަހުވަދޫގެ ފަޅު ގޯއްޗެއްގެ ތެރޭގައި ވަރަށް ވެސް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ދ.ކުޑަހުވަދޫ، ސަމަންދަރު، އަލީ ހަސަން (އައްޔުބެ) ގެ މައްސަލަ ހިމެނެ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ތިން ކުޑަކުއްޖަކާ އެކު ޖުމްލަ ހަ މީހެއްގެ މައްސަލަ މިޙާރު ވަނީ ޝަރީއަތަށް ހުށަހެޅިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

އެފަދަ އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު މަރާލާފައިވާ ދެ ވަނަ މީހަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮއްވާ ފެނުނު ކ.މާލެ ވޭރު، އަބްދުލް މުހީތު (ބޮބީ) 21، އެވެ. ބޮބީ މަރުވެފައި ވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ. އެ ހަމަލާ ދީފައިވަނީ ފިނޭންސް މިނިސްޓްރީ ކައިރީގައި ކޮޅު ބެދިފައި އޮންނަ ކޯޅިގަނޑެއްގައި ގްރޫޕަކުން ހިންގި މާރާމާރީއެއްގަ އެވެ. އެ މައްސަލާގައި ވެސް ފުލުހުން ވަނީ 18 އަހަރުން ދަށުގެ ތިން ކުއްޖަކާ އެކު ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ވެސް މިޙާރު ވަނީ ކޯޓު މަރުހަލާގަ އެވެ.

މިދިޔަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ތިން ވަނަ މީހަކީ މިދިޔަ އަހަރުގެ އެޕްރީލް އެއް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެސްޓް ޕާކް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މ. ފެއާރީކޯނާ އަލީ ސިފާން (ތޮޅި ޕެލޭ) 29ގެ އެވެ. އެ މައްސަލާގައި ފުލުހުން ހަ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަހަރު ހުކުމްކުރި އެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ވަނީ ހައިކޯޓުގައި އިސްތިޢުނާފްކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހަޅައިފަ އެވެ.

ހަތަރު ވަނަ މަރުގެ މައްސަލާގެ ގޮތުގައި ރިޕޯޓްކޮށްފައިވާ މައްސަލައަކީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހެންވޭރު ކުއްލިއްޔާގެ ބިއްދޮށުގައި އޮއްނަ ޕާކެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހއ.ހޯރަފުށީ ނޫރީގޭ، މުހައްމަދު އަރުހަމް 16، އަހަރުގެ މައްސަލަ އެވެ. އެމައްސަލާގެ ތުހުމަތު ކުރެވޭ ހަ މީހެއްގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓުގަ އެވެ.

ނ.މާފަރު، ހިތްފަސޭހަގޭ، ހަސަން އަބޫބަރު 66، މަރާލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. އެ މައްސަލަގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމައްސަލަ ވެސް މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ.

މިދިޔަ އަހަރު ހަ ވަނަ މީހެއްގެ ގޮތުގައި މަރާލާފައިވަނީ މ.މަސްރޫރާގޭ ކޮޓަރިއެއްގެ ތެރޭގައި މަރާލާގައި އޮއްވާ ފެނުނު ކ.މާލެ ދަފްތަރު، ގާނޫނީ ވަކީލު އަހުމަދު ނަޖީބު 65، އެވެ. އެމައްސަލާގެ ތުހުމަތު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރު މަރާލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކ.ކާށިދޫ ކެތި، ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް 27، އެވެ. އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ ބަންދުގައި ހުރި މީހަކު ގެއަށް ފޮނުވުމުގެ ގާނޫނީ ވާޖިބު އަދާކުރަން އުޅެނިކޮށެވެ. އެމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާގެ މައްޗަށް ވެސް ކޯޓުން ވަނީ މަރުގެ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު އަށް ވަނަ މަރެއްގެ ގޮތުގައި ރިޕޯޓްކޮށްފައިވާ މައްސަލައަކީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހ. ފުންވިލު ގޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ވެސް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލަ އެވެ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތުހުމަތުގައި ފުލުހުން 11 މީހަކު ތަހުގީގަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ކުދިން ހިމެނެ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މިހާރު ވަނީ ފެށިފަ އެވެ.

މިދިޔަ އަހަރު މަރާލާފައިވާ ނުވަ ވަނަ މީހަކީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޗާންދަނީ މަގުގައި ހުންނަ ގެއެއްގެ ހަ ވަނަ ފަންގިލާގައި މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލްއިސްލާމެވެ. އޭނާ މަރާލާފައިވަނީ ބަންގްލަދޭޝްގެ ބަޔަކެވެ. އެ މައްސަލާގެ ތިން މީހަކު ތުހުމަތަށް ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން އެކަމުގެ ވަނީ އޭނާ މަރާލި ކަމަށް ތަހުގީގުގައި އެެއްބަސްވެފަ އެވެ. އެމައްސަލަ ވެސް މިހާރު ވަނީ ކޯޓު މަރުހަލާފަ އެވެ.

https://www.youtube.com/watch?&v=-oxN0QDgEjY