01 May 2013, 19:19
އިންޑޮނޭޝިއާގެ ޕާސިބޯއާ ކޮޅަށް އަލީ އަޝްފާގު (ދަގަނޑޭ) ހެދި ހެޓްރިކާއެކު އަހެއް އެކަކުން މެޗު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނަ ހޯދައިގެން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ އޭއެފްސީ ކަޕްގައި ނިއު އެންމެ ފަހުން ކުޅުނު ދެމެޗުގައިވެސް އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު މިއަދުގެ މެޗަށް ނުކުތް އަލީ އަޝްފާގުއެވެ. މެޗުގެ 27 ވަނަ މިނިޓުގައި ޕާސިބޯގެ އޭރިޔާބޭރުން ދަގޭއަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ އެކުލަބުގެ ޑިފެންޑަރުން ކައިރިންވެސް ނައަޓާލާފައެވެ. އޭގެ ތިންމިނިޓުފަހުން ނިއުގެ ދެވަނަ ކާމިޔާބު ކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތިކޮށް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މުހައްމަދު އުމައިރުއެވެ. އަދި އޭގެ ފަސްމިނިޓުފަހުން އުމެއިރު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނިއުގެ ލީޑު ތިނެއް ސުމަކަށް ފުޅާކޮށްފައެވެ.
މެޗުގައި ޕާސިބޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެކުލަބަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި އެކުލަބުގެ ފޯވަޑް ބިޖަހިލް ޗަލްވާއެވެ. އެހެން ނަމަވެސް ދަގަނޑޭ ވަނީ 67 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލުކޮށްފައެވެ. ނިއުގެ ފަސްވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެކުލަބުގެ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރު (އައްޔަ)އެވެ. ނިއުގެ ހަވަނަ ލަނޑުއަދި މެޗުގައި ދަގަނޑޭ ހެދި ހެޓްރިކް ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓުގައި ޕާސިބޯގެ ކުޅުންތެރިއަކު އެކުލަބުގެ ޕެނަލްޓީއޭރިޔާ ތެރެއިން އައްޔައަށް ކުރި ފައުލަކާ ގުޅިގެން ނިއުއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއަދުގެ ހެޓްރިކާއެކު އަޝްފާގު ވަނީ މި މުބާރާތުގައި ދެ ހެޓްރިކް ހަދާފައެވެ. އަދި ދެފަހަރުވެސް އޭނާ ހެޓްރިކްހެދީ ޕާސިބޯއާ ދެކޮޅަށް ކުޅެގެންނެވެ.
މިއަދުގެ މެޗުން މޮޅުވުމުން ނިއުއަށްވަނީ ކުޅުނު ހަމެޗުގެ ތެރެއިން ފަސްމެޗުން މޮޅުވެ 15 ޕޮއިންޓު ފައިދާ 16 ލަނޑާއެކު ގުރޫޕު އެފްގެ އެއްވަނަ ލިބިފައެވެ. އަދި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި ހޮންކޮންގުގެ ސަންހައި ބައްދަކު ކުރިމެޗު ދޭއް ސުމަކުން ޔަންގޮން ކާމިޔާބު ކުރުމުން އެކުލަބަށް ލިބެނީ 15 ޕޮއިންޓު ފައިދާ 13 ލަނޑާއެކު ގުރޫޕުގެ ދެވަނައެވެ. އެހެން ކަމުން ދެވަނަ ބުރުގައި ކުޅެންޖެހޭ މެޗު އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު މިހާރު ނިއުއަށް ވަނީ ލިބިފައެވެ. ހަތަރު ޕޮއިންޓާއެކު ގުރޫޕު އެފްގެ ހަތަރު ވަނައަށް ސަންހައި ދިޔައިރު އެންމެ ޕޮއިންޓަކާއެކު ގުރޫޕުގެ ފުލަށް ދިޔައީ ޕާސިބޯއެވެ.
ނިއުގެ ކޯޗު ބުނީ ވެލިޒާ ޕޮޕޯފު ބުނީ މިއަދު އޭނާގެ ކުލަބުން ހޯދި ކާމިޔާބަކީ ދިވެހި ކުލަބަށާއި އަދި ދިވެހި ފުޓުބޯޅައަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މުހިއްމު ކުޅުންތެރިން ތަކެއް ނެތި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށާއި އަދި ގުރޫޕުގެ އެއްވަނަ ލިބުމުން އުފާ ކުރާ ކަމަށެވެ. އަދި އޭނާ ބުނީ މިއަހަރު ނިއުގެ އެންމެ ބޮޑު އަމާޒަކަށްވާނީ މިމަހުގެ 15 ވަނަ ދުވަހު ކުޅޭ މެޗު ކާމިޔާބުކޮށް ދެން އޮތް ހަރުފަތަށް ވާސިލުވުން ކަމަށެވެ. އެހެން ކަމުން ދިވެހި ލީގަށްވުރެވެސް ބޮޑު ސަމާލުކަމެއް އޭއެފްސީ ކަޕަށް ދޭނޭ ކަމަށް ނިއުގެ ކޯޗު ބުންޏެވެ.
މެޗާ ބެހޭ ގޮތުން ޕާސިބޯގެ އެސިސްޓެންޓު ކޯޗު ބަމްބަންގު ޕްރަމުޑްޖީ ދަރްމަޑްޖީ ބުނީ މެޗުގެ ފުރަތަމަ 25 ވަރަކަށް މިނިޓު ތެރޭގައި އޭނާގެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރާނޭ ފުރުސަތު ލިބި އޭގެ ބޭނުން ނުކުރެވުނީ ކަމަށާއި އަދި އިދިކޮޅު ޓީމުގެ ހަތް ނަމްބަރު (ދަގަނޑޭ)އަށް ލަނޑެއް ކާމިޔާބު ކުރަން ލިބުނު ފުރަތަމަ ފުރުސަތުގެވެސް ބޭނުންކޮށް އޭނާ ލަނޑެއް ކާމިޔާބު ކުރުމުން އޭނާގެ ކުޅުންތެރިން ޕްރެޝަރަށް ދިޔަ ކަމަށްށެވެ. އަދި ނިއުރޭޑިއެންޓު މެޗުން މޮޅުވީ މޮޅަށް ކުޅެގެން ކަމަށް އޭނާ ބުންޏެވެ.
ޕާސިބޯގެ އެސިސްޓެންޓު ކޯޗު އިތުރަށް ބުނީ މިއީ އޭނާގެ ޓީމުގެ މިފަދަ ފުރަތަމަ ތަޖުރިބާ ކަމަށާއި އިންޓަނޭޝަނަލް މެޗުތަކެއް ކުޅެން ލިބުނު ފުރަތަމަ ފުރުސަތު ކަމަށެވެ. އެހެން ކަމުން މިފަހަރު ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ކުރިއަށް އޮތްތާނގައި މިފަދަ ފުރުސަތެއް ލިބިއްޖެ ނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް އުންމީދު ކުރާކަމަށެވެ.