އައިޖީއެމްއެޗް އާ އިމާރާތް ނިންމުމަށް ނަގާ ލޯނާކާއި މިސްކިތު ފަންޑުގެ 10 ބުރީގެ އިމާރާތް ނިންމުމަށް ސަރުކާރުން ނެގުމަށް ހުށަހެޅި ލޯނުގެ އިންޓްރެސްޓު ރޭޓު ބޮޑުވެގެން އެ ލޯނުތަކަށް މަޖިލީހުގެ ހުއްދަ ނުލިބު ނަމަވެސް ފަހުގެ ތާރީހެއްގައި އެ ލޯނުތަކަށް ހުއްދަ ދޭވޭނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 11 ލޯނުގެ ތެރެއިން ހުއްދަ ނުދިން ތިން ލޯނުގެ ތެރޭގައި ހިމެނޭ އައިޖީއެމްއެޗްގެ 10 ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިންމުގެ 73.5 މިލިއަން ރުފިޔާގެ ލޯނު ހިމެނެއެވެ. އިސްލާމިކް ބޭންކުން ނަގާ އެ ލޯނުގެ އިސްޓްރެސްޓް 10 ޕަސެންޓަށް އަރާތީ އެ ލޯނަށް ކޮމެޓީން ހުއްދައެއް ނުދެ އެވެ. އަދި މިސްކިތު ފަންޑަށް ފައިސާ ހޯދުމަށް އަޅާ 10 ބުރީގެ އިމާރާތް އެޅުމަށް ނަގާ 15.2 މިލިއަން ރުފިޔާގެ ލޯނުގެ އިންޓްރެސްޓު ރޭޓު ވެސް 10 ޕަސެންޓަށް އަޅާ ކަމަށް ނާޒިމް ވިދާޅުވ ިއެވެ.

"އެއީ 10 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ނަގަން ސަރުކާރުން ޕްރޮޕޯސް ކުރި ލޯނުތަކެއްވީމަ އެ ލޯނުތަކަށް ހުއްދަ ނުދެވުނީ. އެއީ މިއަދު ހުއްދަ ނުދެވުނު ކަމަކު އަޅުގަނޑުމެންނަށް ފަހުން ބަޖެޓް ކޮމެޓީގެ ނިންމުމަށް ބަދަލެއް ގެނެސްގެން އެ އެއްޗެއްސަށް ފަހުގެ ތާރީހެއްގައި ހުއްދަ ދެވުން އެކަށީގެންވޭ،" ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި އިރު، ބަޖެޓުގައި ޖަހާފައި ވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގާ އިރު، އަދި ގެރެންޓީދޭ އިރު ވެސް އެ ލޯނަކީ ހަތް ޕަސެންޓު އިންޓްރެސްޓަށް ވުރެ ބޮޑު އަދަދެއް އަރާ ލޯނަކަށްވާ ނަމަ މަޖިލީހުން އެ ލޯނަކަށް ހުއްދަ ދީގެން ނުވާނެ ކަމަށެވެ.

މައުލޫމާތު ފުރިހަމަ ނުވާތީ އެއް ލޯނެއް ނެގުމުގެ ހުއްދަ ނުދިނުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ އެވެ. ނާޒިމް ވިދާޅުވީ އެ ލޯނު ނަގަނީ ކޮން ބޭންކަކުން ކަމެއް ނުބުނެ ހުށަހަޅާފައިވާ ލޯނަކަށް ހުއްދަ ނުދިނުމަށް ވެސް ކެމެޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ލޯނުތަކުގެ ތަފްސީލުތަކާ މާލިއްޔަތު ގާނޫނުގައި ބުނާ ހަމަތަކުގެ މަތިން އެ ލިޔެކިޔުންތައް ކޮމެޓީއަށް ފޮނުއްވުމަށް އެ ލޯނުތަކަށް މަޖިލީހުން "ރުހުން ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ޖަހާފައިވާ ލޯނުތަކުގެ ތެރެއިން މަޖިލީހުން ހުއްދަ ދިން އަށް ލޯނުގެ ޖުމްލަ ފައިސާގެ އަދަދު 150 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ 2.3 ބިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނަގާ އެ ލޯނުތަކުގެ ސަބަބުން މިއަދުގެ ބަޖެޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރެ އެވެ.