ބޮޑު ދަބަހެއް ހިފައިގެން ވަދެ ޖިލްބާބުތަކުން ވައްކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން އިއްޔެ 3:15 ހާއިރު 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޖިލްބާބުގެ މެނޭޖްމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ވައްކަން ކުރި ދެ އަންހެނުން އަތުލައިގަތީ މާވެޔޮމަގުގައި ހުންނަ ޖިލްބާބުގެ ފިހާރައަށް އިއްޔެ މެންދުރު ވަދެ ބޮޑު ދަބަހެއް ފުރައި އެއްޗެހި ވަގަށް ނަގައިގެން ގޮސް އެހެން ފިހާރައަކުން ވައްކަން ކުރާން އުޅެނިކޮށް އެކަން ފަޅައި އަރައިގެން ކަމަށެވެ. އަދި އެ ދެ މީހުން މިހާރު ފުލުހުންނާ ހަވާލު ކޮށްފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖިލްބާބުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ ޖިލްބާބުގެ އެކި ފިހާރަތަކުން އަންހެނުން ވައްކަން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައި ވާ ކަމަށެވެ. އަދި ޖިލްބާބުގެ ފިހާރަތަކުން ފޮއްޗާއި ބުރުގާގައި ޖަހާ ތަފާތު އެއްޗެހީގެ އިތުރުން ތަސްބީހަފައްޗާއި އަންޑަގާމެންޓްސް ގިނަ އަދަދަކަށް ވަގަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަ ޖިލްބާބުގެ ފިހާރަތަކުން ކުރާ ވައްކަންތަކަށް ކުރިން މާފުދީ ދޫކޮށްލި ނަމަވެސް ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެ ޖިލްބާބު ފިހާރަތަކުން ވައްކަންކުރާ ހުރިހާ ފަރާތްތައް ވެސް ފުލުހުންނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ޖިލްބާބު މެނޭޖްމަންޓުން ބުނެ އެވެ.

ޖިލްބާބުގެ ފަރާތުން ސަންއަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވީ އާދައިގެ ބުރުގާ އަޅައިގެން އުޅޭ މީހުން ވެސް ކެމެރާ ހަރުކޮށްފައި ހުންނާތީ މޫނު ނިވާކޮށްގެން ބޮޑެތި ދަބަސް ހިފައިގެން ފިހާރައަށް ވަދެ ވައްކަން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ސަމާލުވުމަށް މުވައްޒަފުންނަށް އިރުޝާދު ދީ އިއުލާނެއް ވެސް ހިއްޕާން ނިންމައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.